މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކޮންޓެއިނާ ފެރީގެ ހިދުމަތް ފެށުން ފަސްކޮށްފި އެވެ.

އެމްޕީއެލްއިން މީގެ ކުރިން ބުނެފައި ވަނީ ކޮންޓެއިނާ ފެރީގެ ހިދުމަތް މިމަހު ކުރީކޮޅު ފެށޭނެ ކަމަށެވެ. އެ ހިދުމަތް ފަށަން އެކަމަށް ހާއްސަ ލޭންޑިން ކްރާފްޓެއް ވެސް ވަނީ ހޯދާފަ އެވެ.

ކޮންޓެއިނާ ފެރީގެ ހިދުމަތަކީ އެމްޕީއެލުން ހިންގާ މާލޭގެ ވިޔަފާރި ބަނދަރަށް ގެންނަ މުދާ އަތޮޅުތަކުގެ ތެރެއަށް ގެންދަން އަމާޒުކޮށްގެން ފަށާ ހިދުމަތެކެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ، ކޮންޓެއިނާ ފެރީގެ ހިދުމަތް ފެށުން މިހާރު ފަސް ކޮށްފައިވާ ކަމަށާއި އެ ހިދުމަތް ދެން ފަށާނެ ވަކި ތާރީހެއް ވިދާޅުވާން ނޭނގޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ ކޮވިޑުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ރާއްޖޭން ބޭރުން ކޮންޓޭނަރު ގެންނަ އަދަދު ދަށްވެފައިވާ ކަމަށާއި މިފަދަ ވަގުތެއްގައި ކޮންޓެއިނާ ފެރީ ހިދުމަތް ފެށުމަކީ ކުންފުންޏަށް ފައިދާވާނެ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ކޮވިޑްގެ ކުރިން ކުޅުދުއްފުށި އަދި އައްޑޫގައި ހިންގާ އެމްޕީއެލްގެ ދެ ބަނދަރަށް ގިނަަ ކޮންޓޭނަރުތަކެއް ގެންދިޔަ ކަމަށެވެ.

ނަމަވެސް މިހާރު އެ ދެ ބަނދަރަށް ގެންދާ ކޮންޓެއިނަރުގެ އަދަދު މަދުވެފައިވާ ކަމަށެވެ.

ކޮންޓެއިނާ ފެރީގެ ހިދުމަތް ފަށައިގަންނައިރު އައްޑޫއާއި ކުޅުދުއްފުށީގެ އިތުރުން ގދ. ތިނަދޫ ބަނދަރަށް ވެސް ހިދުމަތް ފަށަން އެމްޕީއެލް އިން ވަނީ ނިންމާފަ އެވެ. އަދި ތިނަދޫއަށް ކޮންޓެއިނަރު އުފުލައި ބޭލޭނެ އަދި ކޮންޓެއިނަރުތައް ބަހައްޓާނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އެމްޕީއެލް އިން ވަނީ މަސައްކަތްތައް ފަށާފަ އެވެ.