މީގެ 8 އަހަރު ކުރިން ވިޔާފާރިވެރިންގެ ހައްގުކަމަށް ބުނެ އަޑު އުފުލި ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއާއި ވިޔަފާރިވެރިންނާ ގުޅުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި "ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ބިލް" އާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ވިޔަފާރިވެރިންގެ ޖަމިއްޔާގައި މިވަގުތު ތިއްބަވަނީ ކޮން ބޭފުޅުންތަކެއް ކަމެއް އަދި އެ ޖަމިއްޔާ އިން ގުޅުއްވާނީ ކޮން ބޭފުޅަކާކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިޔަފާރިވެރިންގެ ހައްގުގައި މަސައްކަތްކުރާނެ ޖަމިއްޔާއެއް ނެތުމަކީ އެ މީހުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެމަނިކުފާނު މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ވިޔަފާރިވެރިންގެ ޖަމިއްޔާގައި އެންމެ ފުރަތަމަ އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމުން، އެ ޖަމިއްޔާ ހިންގާ ގޮތުގެ ޝަކުވާ ލިބިވަޑައިގަތެވެ. އެގޮތުން ޗެމްބާ އޮފް ކޮމާސް އިން ދިވެހި ވިޔަފާރިވެރިންނާ ގުޅުން ނުބާއްވާ ކަމަށާއި އެ ޖަމިއްޔާގެ އެތެރޭގެ އިންތިހާބުތައް ވެސް ކުރިއަށް ގެންދަނީ ވަރަށް ގޯސްކޮށް ފައްޔާޒު ވިދާޅުވި އެވެ.

މީގެ 27 އަހަރު ކުރިން އުފެއްދި މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސްގެ މިހާރުގެ ރައީސަކީ އިސްމާއިލް ނޫރައްދީނެވެ. ނައިބު ރައީސަކީ އިސްމާއިލް އާސިފާއި އަހުމަދު ރިޒްވީ އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއަކީ ވިޔަފާރީގެ އެކި އެކި މައްސަލަތަކުގައި ވިޔަފާރިވެރިން ތަމްސީލު ކުރަމުން ދިޔަ ޖަމިއްޔާއެއް ނަމަވެސް ކޮވިޑްގެ މި ނާޒުކް ހާލަތުގައި އެ ޖަމިއްޔާގެ އަޑު އެއްވެސް ވަރަކަށް ނީވެ އެވެ. ފައްޔާޒު ވިދާޅުވީ، ސަރުކާރުން އެކުލަވައިލާ އެކި އެކި ސިޔާސަތުތައް ބައްޓަން ކުރުމުގައި ޗެމްބާ އޮފް ކޮމާސް ނެތުމުން ވަރަށް ބޮޑު ނިކަމެތިކަމެއް ލިބޭ ކަމަށެވެ.