ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެޗްއީއޯސީގައި ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ 24 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު އެޗްއީއޯސީއަށް ބައެއް ތަކެތި ހަދިޔާކޮށްފައިވާ ކަމަށެވެ.

އެ ކުންފުނީގެ މުވައްޒަފުން އެޗްއޯއީސީއަށް ތަކެތި ހަދިޔާ ކުރީ ކޮވިޑާ ގުޅިގެން އެޗްއީއޯސީގައި މަސައްކަތް ކުރާ މުވައްޒަފުން ކުރަމުން އަންނަ ބުރަމަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.

ސްޓެލްކޯއިން އެޗްއީއޯސީއަށް ހަދިޔާ ކުރި ތަކެތީގެ ތަފްސީލް އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ. މި ތަކެތި ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން އެޗްއޯއީސީއާ ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.

ސްޓެލްކޯއިން އަބަދުވެސް އިޖުތިމާއީ ހަރަކާތްތަކަށް ވަރަށް ބޮޑަށް އެއްބާރުލުންދީ އެހީތެރިވަމުންގެންދެ އެވެ.