މާލޭގައި ފުޅާ ދާއިރާއެއްގައި އެކި ވައްތަރުގެ ރެސްޓޯރަންޓްތައް ހިންގަވާ މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރު އިސްވެ ހުންނަވައި، ހުޅުމާލޭގައި ހަ ރެސްޓޯރަންޓެއް ހިމެނޭ ކޮމާޝަލް ބިލްޑިންގެއް ހުޅުވަން ނިންމައިފި އެވެ.

ހުޅުމާލޭގެ ހުޅަނގު ފަރާތުގައި "ވޯޓާ ފްރޮންޓް ކޮމާޝަލް ކޮމްޕްލެކްސް"ގެ ނަމުގައި ހުރުވަޅި އިންވެސްޓްމަންޓް އިން ތަރައްގީކުރާ ދެ ބުރީގެ ބިލްޑިންގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން އާމިރު ވިދާޅުވީ އެ އިމާރާތުގެ އެންމެ މަތި ހާއްސަކޮށްފައި ވަނީ ވެޑިން ޕެވިލިއަނެއް ގޮތަށެވެ. އޭގެ އިތުރުން އެ ބިލްޑިންގަށް މުޅިން އާ ރެސްޓޯރަންޓް ބްރޭންޑްތަކެއް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ބިލްޑިންގައި ހަ ރެސްޓޯރަންޓަކާއި ހުރިހާ ވައްތަރެއްގެ ކެއުން ލިބޭ ފުޑް ކޯޓަކާއި ޖޫސް ވިއްކާ ތަނެއް ވެސް ހުންނާނެ. އެތަނުގައި އައުޓް ޑޯ ސްޕޭސް ވަރަށް ބޮޑަށް އޮންނާނެ،" އާމިރު ވިދާޅުވި އެވެ. "މިއީ މޫދު ފެންނަ ވަރަށް ހިތްގައިމު ތަނަކަށް ވާނެ."

ހުޅުމާލޭގެ ހުޅަނގު ފަރާތުގައި ހަދާ ކޮމާޝަލް ކޮމްޕްލެކްސް ބިލްޑިން. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

އޭނާ ވިދާޅުވީ އެތަނަށް އިނގިރޭސިވިލާތުގެ ކޮފީ ރިޕަބްލިކް ގެންނަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން މަޝްހޫރު "ނަންޑޯސް" ގެނައުމަށް ވާހަކަދައްކަމުން އަންނަ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

އޭގެ އިތުރުން މޭރީ ބްރައުން އާއި ޕިއްޒާ މިއާގެ ރެސްޓޯރަންޓެއް ވެސް އެތަނުގައި ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެތަނަކީ އާމިރުގެ ހިއްސާ އޮންނަ ހުރުވަޅި އިންވެސްޓްމަންޓުން މަހަކު ގާތްގަނޑަކަށް 200،000ރ. އަށް ކުއްޔަށް ނަގައިގެން ތަރައްގީކުރާ ތަނެކެވެ. އެޗްޑީސީން ބިޑަށް ހުޅުވާލުމުން 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ނަގައިގެން ތަރައްގީކުރާ އިމާރާތަށް ގާތްގަނޑަކަށް 56 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އާމިރު ލަފާކުރައްވަ އެވެ.

"މިހާރު މަސައްކަތް ކުރަމުން މިގެންދަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުވަން. އެތަން ހުޅުވާއިރު ވަރަށް ހިތްގައިމު ތަނަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ހުޅަނގު ފަރާތުގައި ހަދާ ކޮމާޝަލް ކޮމްޕްލެކްސް ބިލްޑިން. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

އޭގެ އިތުރުން އާމިރު ހިއްސާވާ ކަޕޭޑިއަމް ކުންފުނިން ވަނީ ހުޅުމާލޭގެ ރެހެންދި ސްކޫލް ކުރިމަތިން އޮންނަ ކޮށީގައި ވެސް ކޮންވީނިއަންސް ސްޓޯރަކާއި އައިސްކްރީމް ޕާލަރެއް އަދި ބުކްޝޮޕަކާއި އެނޫން ވެސް ވިޔަފާރިތަކެއް ހިމެނޭ ބިލްޑިންގެއް ހެދުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.

އާމިރު ވިދާޅުވީ އެތަނުގެ މަަސައްކަތް ވެސް ކުރިޔަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.