މި އަހަރަށް ފާސްކޮށްދީފައިވާ ދައުލަތުގެ ބަޖެޓްގައި، ބޮންޑު ވިއްކައިގެން ފައިސާ ހޯދަން ކަނޑައަޅާފައިވާ ވަރަށް ވުރެ އިތުރަށް ބޮންޑް ވިއްކުމުގެ ހުއްދަ ރައްޔިތުންގެ މަޖިިލީހުން ރޭ ދީފި އެވެ.

މި އަހަރުގެ ބަޖެޓް ފާސްކުރިއިރު އެ ބަޖެޓްގައި ހިމަނާފައި ވަނީ، ރާއްޖޭން ބޭރަށް 4.6 މިލިއަން ރުފިޔާގެ ބޮންޑް އަދި ރާއްޖޭގެ ފަރާތްތަކަށް 930 މިލިޔަން ރުފިޔާގެ ބޮންޑް ވިއްކުމަށެވެ. އެހެން ނަަމަވެސް، އެ އަދަަށް ވުރެ އިތުރަށް ބޮންޑް ވިއްކުމުގެ ހުއްދަ އަށް އެދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައި ވަނީ، ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ހުށަހެޅުއްވި ހުށަހެޅުއްވުމެވެ. އެގޮތުން، ދައުލަތުގެ ބަޖެޓުގައި ހިމެނޭ ނެޓު ފައިނޭސިންގެ އަދަދު އަހަރު ނިމޭއިރު ހަ ބިލިއަން ރުފިޔާ އަށް ވުރެ އިތުރު ނުވާނެ ގޮތަށް އިތުރަށް ބޮންޑް ވިއްކުމުގެ ހުއްދަ ދިނުމަށް ރޭގެ ޖަލްސާގައި ފާސްކޮށްފައި ވަނީ، ޖުމްލަ 65 މެމްބަރުންގެ ވޯޓުންނެވެ.

ގަވަރުނަރު އަލީ ހާޝިމް މަޖިލީހަށް ފޮނުއްވި ސިޓީގައި ވެސް ވަނީ އެގޮތަށް ބަޔާންކޮށްފަ އެވެ. އެގޮތުން، އޭނާ ހުށަހަޅުއްވާފައި ވަނީ ވެސް، ބޮންޑް ވިއްކައިގެން ފައިނޭންސް ކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ޖުމްލަ އަދަދަށް ވުރެ އިތުރު ނުވާނެ ގޮތަކަށް ބޮންޑް ވިއްކުމަށެވެ.

ގަވަރުނަރުގެ ސިޓީގައިވާ ގޮތުން، އެސްބީއައި އަށް ބޮންޑެއް ވިއްކުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެ ބޮންޑާއިއެކު، ބަޖެޓްގައި ބޮންޑް ވިއްކުމަށް ކަނޑައަޅާފައިވާ އަދަށް ވުރެ އިތުރު ވާނެ ކަމަށް އޭނާ ފާހަގަކުރައްވާފައިވެ އެވެ.

ގަވަރުނަރު ވިދާޅުވެފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓްގައި ހިމެނޭ ނެޓް ފައިނޭސިންގެ އަދަދު އަރަނީ ހަ ބިލިއަން ރުފިޔާ އަށެވެ. އެހެންކަމުން، އެ އަދަދަށް ވުރެ އިތުރަށް ސަރުކާރުން މުޅި އަހަރުގެ ތެރޭގައި ދަރަނި ނެގިދާނެ ކަމަށާއި، އަހަރު ނިމުމުގެ ކުރިން ނެޓް ފައިނޭންސް ހަ ބިލިއަނަށް ވުރެ ކުޑަ ކުރެވިއްޖެ ނަމަ އެއީ މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓާ އެއްގޮތަށް އަމަލު ކުރެވުނު ކަމަށް ބެލެވޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފިނޭންސް މިނިސްޓްރީ އަށް ލަފާ ދީފައިވާ ކަމަށް ގަވަރުނަރު ވިދާޅުވެފައިވެ އެވެ.

މި އަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި ޖީޑީޕީ ކުރިއަރާނެ ކަމަށް ކުރިން ލަފާކޮށްފައިވީ ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، މައިނަސް 13 އިންސައްތަ ނުވަތަ އެ އަށް ވުރެ ދަށް މިންވަރެއްގަ އެވެ. އަދި ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރާއްޖެ އަށް މި އަހަރު އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 50 އިންސައްތަ ނުވަތަ އެ އަށް ވުރެ ވެސް ދަށްވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މިކަމުގެ ސަބަބުން މި އަހަރުގެ ބަޖެޓް 13-16 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން 290 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް މަޝްވަރާކުރެވެމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހަމަ އެއާއެކު، ދައުލަތުގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް އޮތް ތިން މަސްދުވަހުގެ މުއްދަތަށް ދިނުމަށްޓަކައި 4.2 ބިލިއަން ރުފިޔާ މިހާރުން މިހާރަށް ވެސް ބޭނުންވާ ކަމަށް ބުނެ، ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓް މެދުވެރިކޮށް އެ އަދަދަށް އޯވަޑްރޯ ކުރުމަށްޓަކައި އެކައުންޓްގެ އޯވަޑްރާފްޓް ލިމިޓް އިތުރުކޮށްދިނުމަށް އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން މަޖިލީހުން މިހާރު ވަނީ ފާސްކޮށްދީފަ އެވެ. އަދި އޭގެ ތެރެއިން ބޮޑު ބައި މިހާރު ވަނީ ނަގާފަ އެވެ.

އަދި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެން ޖުމްލަ ހަރަދުން ފަސް ބިލިއަނަށް ވުރެ ބޮޑު އަދަދެއް ކުޑަކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި އަހަރުގެ ބަޖެޓްގައި ޖުމްލަ ހަރަދަކީ 37.8 ބިލިއަން ރުފިޔާ އެވެ. --އެމްބީއެސް