ކުދި ވިޔަފާރިތަކަށް ކޮވިޑް-19ގެ ސަބަބުން ލިބުނު މާލީ ގެއްލުމުން އަރައިގަތުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް އާ ލޯނެއް އިއުލާނުކޮށްފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އުފެއްދި އެސްޑީއެފްސީގެ ލޯނު ދޫކުރާކަން އިއުލާނު ކުރައްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ޖުލައި މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން ހުޅުވާލާ މި ލޯނު ހާއްސަ ކުރާނީ ކޮވިޑް-19ގެ ދެވަނަ ރާޅުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކޮށްފައިވާ ވިޔަފާރިތަކާއި ސަރަހައްދުތަކަށް ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ފުރަތަމަ އެންމެ ހާއްސަ ކަމެއް ދޭނީ މި ބަލީގެ ސަބަބުން އަސަރު ކޮށްފައިވާ ރަށްރަށަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިފަހަރު އެސްއެމްއީތަކަށް ހާއްސާކޮށްގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބެން ހުންނާނެ އެވެ. އެ ލޯނު ލިބޭ ވިޔަފާރިތަކުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ހިދުމަތްދޭ ކެފޭ / ރެސްޓޯރަންޓްތަކާއި ޖިމް އަދި ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި އެވެ.

ރިލީފް ލޯނު ދިނުން ކުރިއަށް ގެންދާނީ "ބިޒްނަސް ކްލިނިކް"އެއްގެ ގޮތުގަ އެވެ. އަދި ލޯނު ދޭނީ ކޮންސެލްޓެންޓުންގެ އެހީގައި މިހާރު ވެސް ކުރިޔަށް ގެންދާ ވިޔަފާރިތަކަށެވެ.

ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލުއި ލޯނުގެ އިތުރުން ސަރުކާރުން ވަނީ ބީއެމްއެލް މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ލޯނެއް ވެސް އިއުލާންކޮށްފަ އެވެ. މި ލޯނު ދޫކުރަނީ ހަ ޕަސެންޓުގެ އިންޓެސްޓް ރޭޓުގަ އެވެ. ލޯނު ދައްކަން ފަށަން އެއް އަހަރު ލިބޭއިރު ދައްކަން ހަތަރު އަހަރު ލިބެ އެވެ.