ހދ. ނެއްލައިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިއްޖެ އެވެ.

އެ ރަށު ބަނދަރު ހެދުމުގެ މަސައްކަތަކީ ނެޝަނަލް ޕެލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

އެ މަސައްކަތް ކުރިޔަށް ގެންދާ އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމާއި ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތުގެ 97 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ މަޝްރޫޢުގެ ދަށުން 62،863 ކިއުބިކް މީޓަރުގެ ސަރަހއްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ. އަދި އެ މަޝްރޫއުގެ ދަށުން 2،102 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތްކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

ނެއްލައިދޫ ބަނދަރު ހެދުމުގެ މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމާލުމަށް ހަމަޖެހިފައިވާ މިމަޝްރޫއަކީ 50.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.