ބީއެމްއެލްގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކާޑުގެ މައުލޫމާތު އެއްވެސް ވަރަކަށް "ކޮމްޕްރޮމައިޒް" ވެއްޖެކަން ބޭންކަށް އެނގިއްޖެ ނަމަ ވަގުތުން އެ ކާޑެއް ޑީއެކްޓިވޭޓްކުރާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކާޑުގެ މައަލޫމާތު އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ވެއްޖެކަން ނުވަތަ ކާޑުގެ މައުލޫމާތު އެހެންފަރާތަކާ ހިއްސާކުރެވި ނުވަތަ ލީކްވުން، ނޫންނަމަ ނުގަވާއިދުން ބޭނުންކުރުން ފަދަ ކަމެއް ހިނގައިފިކަން ބޭންކަށް އެނގިއްޖެ ނަމަ ވަގުތުން އެ ކާޑެއް ޑީއެކްޓިވޭޓްކުރާނެ ކަމަށެވެ.

ކާޑަކުން ނުގަވައިދުން މުއާމަލާތެއް ހިނގާކަން ބޭންކަން ފާހަގަވެއްޖެނަމަ އެ ކާޑު ވެސް ޑިއެކްޓިވޭޓްކުރާނެ ކަމަށާއި މިކަން މިގޮތަށް ކުރަން ނިންމާފައިވަނީ މިބޭންކުގެ ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

އެ ބޭންކުން ބުނީ ޑޭޓާ ކޮމްޕްރޮމައިޒްވެފައި ވަނީ މަދު ކާޑުތަކެއްގެ ކަމަށާއި، އެ ކާޑުތައް މިހާރު ޑީއެކްޓިވޭޓްކޮށް މެއިލްގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އެކަން އަންގާފައިވާނެ ކަމަށެވެ. އަދި މީގެ އިތުރުން ޑިއެކްޓިވޭޓް ކޮށްފައިވާ ކާޑުތަކުގެ ބަދަލުގައި އާ ކާޑުތައް ހެދުމަށްފަހު ކަސްޓަމަރުންނަށް އަންގާނެ ކަމަށް ވެސް ބޭންކުން ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ބޭރުގެ ބައެއް ވެބްސައިޓްތަކުން ބީއެމްއެލް ކާޑުތަކެއްގެ މައުލޫމާތު ލީކުކޮށްލާފައިވާއިރު، ބޭންކުން ވަނީ އެކާޑުތައް ޑިއެކްޓިވޭޓް ކޮށްފައިވެ އެވެ. މިއާއެކު އަބަދުވެސް ބީއެމްއެލްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުބާރާއި ރައްކާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އެބޭންކުން ބުނެ އެވެ.