އއ. ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޑަބްލިޔުއެސްސީއާ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފެރިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައި ކުރަމުން އަންނައިރު، މިހާރު ކުރަމުން އަންނަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ފެރިދޫއަށް ގެންދެވިފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އއ.ފެރިދޫ ފެނާއި ނަރުދަމާ މަސައްކަތް ކުރިއަށް ދަނީ. އެމްޑަބްލިޔުއެސްސީއިން ބުނީ މިހާރު އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް. ފޮޓޯ: އެމްޑަބްލިޔުއެސްސީ

އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ފެރިދޫގައި 6.76 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނެ އެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އއ.ފެރިދޫ ފެނާއި ނަރުދަމާ މަސައްކަތް ކުރިއަށް ދަނީ. އެމްޑަބްލިޔުއެސްސީއިން ބުނީ މިހާރު އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް. ފޮޓޯ: އެމްޑަބްލިޔުއެސްސީ

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފެރިދޫގައި 5.04 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކުރުމާއި، 1.07 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނޭ ކަމަށް އެމްޑަބްލިޔުއެސްސިން ބުންޏެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެ އެވެ.

މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ފެރިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ ޕްލޭނިން މިނިސްޓްރީން މި ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއުއަށް އަގަކީ ޖުމްލަ 35.9 މިލިއަން ދިވެހި ރުފިޔާ އެވެ.

މި މަޝްރޫޢުގެ މުއްދަތަކީ 22 މަސް ދުވަހެވެ. މިމަޝްރޫއުގެ މަސައްކަތް ނިމުމުން ފެރިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ އެވެ.