ދިރާގު ކަސްޓަމަރުން ބޫސްޓަރު ގަތުމުން ދެގުނަ ޑޭޓާ މިމަހު ވެސް ދޭން ނިންމައިފި އެވެ.

ދިރާގުން ބުނީ ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން ރައްޔިތުން ގޭގައި ތިބުމަށް އަންގަވާފައިވާ މި ދަނޑިވަޅުގައި ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ޚާއްސަ އޮފާތަކެއް ވަނީ މިދިޔަ މޭ މަހުން ފެށިގެން ދެމުން އަންނަ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ދިރާގު ހިދުމަތްތަކުން އެކްޓިވޭޓްކުރާ ބޫސްޓާތަކުން ސަތޭކަ ޕަސެންޓް ޑޭޓާ އެލަވަންސް ދޭން ވަނީ ނިންމައިފަ އެވެ.

ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓްކުރާ ކޮންމެ ބޫސްޓަރަކުން ދެ ގުނަ ޑޭޓާ އެލަވަންސް ލިބޭނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ. މީގެ އިތުރުން ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" އަދި ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރާ ބޫސްޓާތަކުން ވެސް 100 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު އިތުރަށް ބުނީ ހިލޭ ދީފައިވާ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.