މާލޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް ކޭޝްކާޑު ބޭނުންނުކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ން ތައާރަފްކޮށްފި އެވެ.

މީގެ ކުރިން މި ހިދުމަތް ލިބެމުން އަންނަކީ ހަމައެކަނި އިސްލާމިކް ބޭންކްގެ ހެޑް އޮފީހުގައި ހުންނަ އޭޓީއެމްތަކުންނެވެ. މިހާރު އެމްއައިބީގެ އަމީނީމަގު އެމްއެންޔޫގައި ހުންނަ އޭޓީއެމް އަދި އޯކިޑްމަގު ފާމުދޭރިގޭގައި ބަހައްޓާފައިވާ އޭޓީއެމް ލޮބީގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މި ހިދުމަތް ލިބެން ހުންނާނެ އެވެ.

މި އޭޓީއެމް ތަކުން އަމިއްލަ އެކައުންޓަށް ދުވާލަކު 200,000 ރ ޖަމާކުރެވޭނެ އެވެ. އަދި ވިޔަފާރި އެކައުންޓަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭނެ އެވެ.

އެހެންކަމުން އިސްލާމިކް ބޭންކުގައި އެކައުންޓެއް ނެތް ފަރާތްތަކަށް ވެސް 3 ވަނަ ފަރާތެއްގެ އިސްލާމިކް ބޭންކުގެ އެކައުންޓަކަށް ފައިސާ ޖަމާކުރެވޭނެ އެވެ.