ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ އާންމު ޖަލްސާ އަންނަ މަހުގެ 15ގައި ބޭއްވުމަށް ނިންމައިފި އެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 15 ވަނަ ދުވަހުގެ 10 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓު" މެދުވެރިކޮށެވެ.

މި ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ހިއްސާދާރުންނަށް ޖޫން 30 އިން ފެށިގެން 13 ޖުލައިގެ ނިޔަލަށް ޖަލްސާގައި ބައިވެރިވުމަށް ރެޖިސްޓާވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ. އެގޮތުން ރަޖިސްޓްރީވުމަށް އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" ޕޯޓަލް މެދުވެރިކޮށް ނުވަތަ ރަޖިސްޓްރީވުމަށް އެދޭ ފޯމު ބީއެމްއެލްއަށް ހުށައަޅައިގެން ވެސް ރަޖިސްޓްރީ ވެވޭނެ ކަމަށް ބުނެފައިވެ އެވެ.

އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައަޅާފައިވާ އަދަދު ފާސްކުރުން އޮންނާނެ އެވެ. މިއަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާ ބަހަން ހުށައެޅުމަށެވެ.