ޖުލައި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ބަންދުވި ނަމަވެސް އަސާސީ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

ބީއެމްއެލްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން އެޗްޕީއޭއިން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރައްވާފައިވާ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތްދިނުމަށްޓަކައި މާދަމާއިން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމަޔަށް ބޭންކުގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.

އެގޮތުން ކާޑު ދޫކުރުމަށް ކަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މި ގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް ކާޑު ދޫކުރަމުގެ ހިދުމަތްދެމުންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗްވެސް ހޯމަ، އަންގާރަ އަދު ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2:00 އަށް ހުޅުވުމަށް ވަނީ ހަމަޖެހިފައި ކަމުގައި އެބޭންކުން ބުނެފައިވެ އެވެ.

އިތުރަށް ބުނެފައިވަނީ ކަސްޓަމަރުންނަށް ހިދުމަތް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި ( ހުކުރު، ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށްވަނީ ހަމަޖެހިފައި ކަމަށާއި މީގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނޭ ކަމަށެވެ. އަދި އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައްކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ލިބޭނެ ކަމުގައިވެސް ބުނެފައިވެ އެވެ.