ސިފައިންނަށް ހުޅުމާލޭގައި ފްލެޓް ހަދާ ތިން ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން 14.7 މިލިއަން ރުފިޔާއަށް ސިފައިންގެ ކޯޕަރޭޓިވްއަށް ވިއްކާލައިފި އެވެ.

ސިފައިންގެ ކޯޕަރޭޓިވްއަކީ އެމްއެންޑީއެފްގެ ތެރޭގައި އުފައްދާފައިވާ ވިޔަފާރި ކުންފުންޏެކެވެ.

ސިވިލް ކޯޓުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި ހުކުމްގައިވާ ގޮތުން ހުޅުމާލޭގެ ލޮޓް ނަމްބަރު 11،490 ވަނަ ލޮޓާއި 11،491 އަދި 11،492 ވަނަ ލޮޓްގެ މިލްކުވެރި ފަރާތަކީ ސިފައިންގެ ކޯޕަރޭޓިވް އެވެ. މި ބިންތަކުގެ ތެރެއިން 11،490 ވަނަ ލޮޓަރީ 24،850.32 އަކަފޫޓުގެ ބިމެކެވެ. އަދި 11،491 ވަނަ ލޮޓަކީ 25،642.11 އަކަފޫޓުގެ ބިމެކެވެ. މީގެ އިތުރުން 11،492 ވަނަ ލޮޓަކީ 24،954.19 އަކަފޫޓުގެ ބިމެކެވެ.

ޖެހިޖެހިގެން އޮންނަ މި ތިން ބިމުގައި 14 ބުރީގެ ތިން ޓަވަރު ސިފައިނަށް އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ކުންފުންޏާ އެވެ. އެ ތިން ބިމުގައި އަޅާ ފްލެޓްތަކުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.