ބީއެމްއެލްގެ ކޭޝް އެޖެންޓުން މެދުވެރިކޮށް އިތުރު 12 ރަށެއްގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް މިއަދު ތައާރަފުކޮށްފި އެވެ.

ބީއެމްއެލްއިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރަން ބޭންކުން ކޭސް އެޖެންޓުންގެ ހިދުމަތް ތައާރަފުކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ.

އަލަށް މި ހިދުމަތް ދޭން ފެށި ރަށްތަކަކީ ހއ. މާރަންދޫ، ހދ. ކުމުންދޫ، ހދ. ނެއްލައިދޫ، ހަދ. ފިނޭ، ށ. ނަރުދޫ، ށ. ފޭދޫ، ށ. މަރޮށި، ނ. ޅޮހި، ނ. މާޅެންދޫ، ރ. އިންނަމާދޫ، ބ. ފުޅަދޫ އަދި މ. ކޮޅުފުއްޓެވެ.

ބީއެމްއެލްއިން ބުނީ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 62 ކޭޝް އެޖެންޓުންގެ ހިދުމަތް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

މި ހިދުމަތާ އެކު ބީއެމްއެލް ކަސްޓަމަރުންނަށް އެޖެންޓުން މެދުވެރިކޮށް ދުވާލަކު 10،000ރ. އާ ހަމައަށް ފައިސާ ޖަމާކުރުމުގެ އިތުރުން ލޯނާއި ކްރެޑިޓް ކާޑަށް ވެސް ފައިސާ ދެއްކޭނެ އެވެ. އަދި އިތުރު ފީއަކާ ނުލައި ދުވާލަކު 2،000ރ. އާ ހަމައަށް ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ އެވެ.

މިއީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިން ހިދުމަތް ދިނުމަށް ތައާރަފްކުރި ހިދުމަތެކެވެ.

އެއްވެސް ފީއަކާ ނުލައި ބޭންކުން އަންނަނީ 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތާއި 60 އަށްވުރެ ގިނަ އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތް ވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި އިއުލާން ކުރެވިފައިވާ ފުރަބަންދުގައި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކަސްޓަމަރުންނަށް މެދުނުކެނޑި ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ދަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.