ބ. މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

މާޅޮހުގައި ފެނާއި ނަރުދަމާ މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިއުއެސްސީން ބުނީ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ފަށައި، މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ މާޅޮހަށް ގެންދެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން މާޅޮހުގައި 4.93 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި ފެން އުފެއްދުމަށް ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރަން ތިން ތާންގީ ބެހެއްޓުން ހިމެނެ އެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ މަޝްރޫގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅޮހުގައި 4.5 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 250 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ދެ ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ގާއިމުކުރުން ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން އެ މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މާޅޮހުގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ޕްލޭނިން މިނިސްޓްރީއިން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 60.45 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫޢުގެ މުއްދަތަކީ 540 ދުވަހެވެ.