ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް އަލުން ޓޫރިސްޓް ވިސާ ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ވިސާ ދޫކުރަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ރައީސް ވިދާޅުވީ ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ވިސާ ދޫކުރަން ނިންމި ނަމަވެސް އެކަން ފަށާނީ ކުރިއަށް މިއޮތް ދުވަސް ތަކުގެ ރާއްޖޭގެ ކޮވިޑް ނަންބަރުތަކަށް ވަމުންދާ ގޮތް އަދިވެސް އިތުރަށް ބެލުމަށްފަހު ކަމަށެވެ.

އިންޑިއާގައި ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރަމުން ދިޔަ ވަގުތެއްގައި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ވިސާ ދޫކުރުން މެދުކަނޑާލީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.

ސަރުކާރުން މިހާރު ވަނީ ދެކުނު އޭޝިއާ އިން ރާއްޖެއަށް މަސައްކަތް ކުރަން އަންނަ މަސައްކަތްތެރިންނަށް ވާކްޕަމިޓް ދޫކުރުމަށް ވެސް ނިންމާފަ އެވެ. އެކަމަކު އެމީހުން ރާއްޖެ އައިސް ކަނޑައަޅާ ވަކި މުއްދަތަކު ކަރަންޓީނު ވާން ޖެހޭނެ އެވެ.