ކުރީގެ ސަރުކާރުން ޗައިނާއާއެކު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި އެ އެއްބަސްވުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލާފައިވަނީ، ޑިސެމްބަރު 7، 2017ގަ އެވެ. މި އެއްބަސްވުން ހިމެނޭ ގޮތުން 12 އެއްބަސްވުމެއް ކުރީގެ ސަރުކާރުން ޗައިނާއެކު އެކުލަވާލާފައިވެ އެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކާ ގުޅިގެން ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުން ހިނގާނީ އެ އެއްބަސްވުމާ ގުޅޭ ގާނޫނުތަކެއް މަޖިލީހުން ފާސްކޮށްގެން ކަމަށެވެ. އަދި އެއްބަސްވުމުން މަސްވެރިންނަށް ވެސް ފައިދާއެއް ނުކުރާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

"މިވަގުތު އޮޕަރޭޝަނަލް އެފްޓީއޭއެއް ނެތްކަމަށް އަޅުގަނޑު ދެކެން. މިހާރު އެފްޓީއޭގައި ސޮއިކޮށްފައި އޮތަސް އޮޕަރޭޝަނަލައިޒް ވާނީ މިމަޖިލީހުން އިތުރު ގުޅޭ ގާނޫނުތަކެއް ހަދައިގެން. އެއީ މިމަޖިލީހުގެ ޒިންމާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ދެއްވި ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ، ޗައިނާއާ ދެމެދު އެފަދަ އެއްވެސް އެއްބަސްވުމެއް ނެތް ކަމަށެވެ. އަދި އެއްބަސްވުން ކުރިއަށް ގެންދިއުމަށް ރައީސް އަބްދުﷲ ޔާމީން އެއްވެސް ވަރަކަށް ބޭނުންނުވާކަން ވެސް ހާމަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި އާޓިކަލްގެ 65 ގައި މިބުނަނީ އެގްރީމަންޓް އުފެއްދޭތާ 30 ދުވަހުގެ ތެރޭގައި މިދެފަރާތުން، ދިވެހިރާއްޖޭގެ ފަރާތުން ވެސް ޗައިނާގެ ފަރާތުން ވެސް އެތެރޭގައި ހުރި އެގްރިމަންޓްތައް ގާނޫނުތައް ނިންމާފައި އެ ގާނޫނުތަކުގެ މައުލޫމާތު ދެ ފަރާތުން ބަދަލުވީމައޭ އެގްރީމަންޓަކަށް ބަދަލުވެގެންދަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޗައިނާ ފްރީ ޓްރޭޑް އެއްބަސްވުމާ އަބަދުވެސް ދެކޮޅު ހައްދަވާ ނަޝީދު ވިދާޅުވީ އެއްބަސްވުމަކަށް ވާނީ ދެ ފަރާތުން އެއްބަސްވުން ބަދަލުވުމުން ކަމަށެވެ.

"ދެފަރާތުން އެއްބަސްވެފައިވަނީ އެއަށްފަހު އަދި އެތައް މަސައްކަތެއްކުރާ ގޮތަށް. ރައީސް ޔާމީން އެއްގޮތަކަށް ވެސް، ކުޑަކޮށް ވެސް މިކަން ކުރިއަށް ގެންދަވަން އެދިވަޑައިނުގަންނަވާ ހުންނަވާތީވެ، [މިކަން ނުވެ އޮތީ]" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހެދި އެ އެއްބަސްވުން މިހާރު ފެންނަން ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ޑިސެމްބަރު 19، 2018 ވަނީ ވިދާޅުވެފަވެ އެވެ.

ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލް ފެންނަން ނެތް ކަމަށާއި އޭގެ ތަފްސީލް ހޯއްދަވަމުން ގެންދަވާ ކަމަށެވެ.