ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ހިންމަފުށި އަދި ދިއްފުށީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި އެވެ.

ބީއެމްއެލްއިން ބުނީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ހިންމަފުށި އަދި ދިއްފުށީގައި ގާއިމްކޮށްފައިވާ އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މި ދެރަށުގެ ރައްޔިތުންނާއި، ވިޔަފާރިތަކާއި އިގްތިސާދަށް އެހީތެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"މި ފެށުނު އޭޓީއެމް ޚިދުމަތާއެކު މާލެ ފިޔަވައި ކ. އަތޮޅުގެ ހަ ރަށެއްގައި މިވަނީ އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްދެވިފައި. އަދި މީގެ އިތުރުން މާފުށި އަދި ކާށިދޫގައި ގާއިމްކޮށްފައިވާ ބްރާންޗްތަކުން ވެސް މިދަނީ ހިދުމަތް ފޯރުކޮށްދެމުން،" އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 73 ސެލްފްސާވިސް ބޭންކިން ސެންޓަރު، 134 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.