މީރާއިން ޓެކްސް އިންސްޕެކްޓާސް ވިތައުޓް ބޯޑާސް (ޓީއައިޑަބްލިއުބީ) އާއެކު ކޯޕޮރޭޝަން އެގްރިމެންޓެއްގައި ސޮއިކޮށްފި އެވެ.

މީރާއިން ބުނީ މި އެގްރިމަންޓްގެ މަގުސަދަކީ މީރާގެ ޓެކްސް އޮޑިޓަރުންގެ އޮޑިޓް ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމެއް ދެ އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށްޓަކައި ވެވުނު އެއްބަސްވުމެއް ކަމަށެވެ.

ޓީއައިޑަބްލިއުބީ އާ ގުޅިގެން މި ފަށާ ޕްރޮގްރާމުގެ ދަށުން މީރާގައި މަސައްކަތްކުރާ ޓެކްސް އޮޑިޓަރުންގެ ފަންނީ ކެޕޭސިޓީ އިތުރުކުރުމަށާއި، ޓޫރިޒަމް ދާއިރާގެ އިންޓަނެޝަނަލް ޓެކްސް ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތަކަށް އަލިއަޅުވާލެވިގެންދާނެ ކަމަށް މީރާއިން ބުންޏެވެ.

މި ޕްރޮޖެކްޓް ފެއްޓުމުގެ ގޮތުން ބޭއްވި ހާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓީއައިޑަބްލިއުބީގެ ވެރިޔާ މސ. ރުސުދާން ކެމުލެރިއާ ވަނީ މީރާއާއެކު ކުރިއަށް ގެންގޮސްފައިވާ ފުރަތަމަ ޕްރޮޖެކްޓްގެ ކާމިޔާބީތަކަށް އަލިއަޅުވާލާފަ އެވެ. އަދި އިފްތިތާހުކުރި ޕްރޮޖެކްޓުން ކުރީގެ ޕްރޮޖެކްޓްގައި ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތައް އިތުރަށް ކުރިއަރުވާ ހަރުދަނާވެގެންދާނެކަން ފާހަގަކުރެއްވާފައިވެ އެވެ.

މި ބައްދަލުވުމުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވަނީ ޓީއައިޑަބްލިއުބީއިން އޮގަސްޓް 2018ގައި ފެށި ޕްރޮޖެކްޓާއެކު ފޯރުކޮށްދެމުން އައި ފަންނީ އެހީތެރިކަން ފާހަގަކުރައްވާފަ އެވެ. ޓީއައިޑަބްލިއުބީ އާއެކު ކުރިއަށްގެންދިޔަ ފުރަތަމަ ޕްރޮޖެކްޓެގެ ކާމިޔާބީއަށް އަލިއަޅުވާލައި، މި ޕްރޮޖެކްޓްގައި ޓްރާންސްފާ ޕްރައިޒިން މަސައްކަތުގެ އުކުޅުތަށް މީރާގެ އޮޑިޓަރުންނަށް އުނގެނިގެންދިޔަކަން ކޮމިޝަނަރު ފާހަގަކުރައްވާފައިވާ ކަމަށް މީރާއިން ބުންޏެވެ.

ކޮމިޝަނަރު ޖެނެރަލް ވަނީ މިއަދު އިފްތިތާހްކުރެވުނު ޕްރޮޖެކްޓަގައި މީރާގެ އޮޑިޓަރުންނާއެކު މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ފަންނީ މާހިރު، ކޮލިން ހަޗްކިންސް އަށް މަރުހަބާ ދަންނަވާފަ އެވެ.

ޓީއައިޑަބްލިއުބީއަކީ އޯއީސީޑީ އާއި ޔޫއެންޑީޕީ ގުޅިގެން ޓެކުހާ ގުޅޭ އޮޑިޓްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޢިލްމާއި ހުނަރު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފައްޓާފައިވާ ހަރާކާތެކެވެ.