ސަރުކާރުން އިންޓަނެޓްގެ އަގުކުރުމަށް ނިންމުމާ ގުޅިގެން އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ،

އުރީދޫން ބުނީ މާދަމާއިން ފެށިގެން ސަރުކާރުގެ ނެޓުހެޔޮ ކުރުމުގެ ސިޔާސަތަށް އެއްބާރުލުންދިނުމުގެ ގޮތުން އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައިވާ ކަމަށެވެ.

މި ބަދަލުގެ ދަށުން އާ ހަތަރު ޕްލޭނާއެކު ސަތޭކަ ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ރާއްޖޭގައި މުޅިން އަލަށް އުރީދޫން ތައާރަފުކުރި ޑޭޓާ ރޯލްއޯވާގެ ހިދުމަތް ސުޕަނެޓް ކަސްޓަމަރުންނަށް ވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އިންޓަނެޓް ޕެކޭޖްތަކަށް އުރީދޫއިން ގެނައި ބަދަލާއިއެކު ތައާރަފްކޮށްފައިވާ 4 ޕެކޭޖަކީ:

  • 250 ރުފިޔާއަށް 2 އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ ޑޭޓާ އެލަވަންސް
  • 400 ރުފިޔާއަށް 5 އެމްބީޕީއެސް ސްޕީޑުގައި 65 ޖީބީ ޑޭޓާ އެލަވަންސް
  • 500 ރުފިޔާއަށް 5 އެމްބީޕީއެސް ސްޕީޑުގައި 130 ޖީބީ ޑޭޓާ އެލަވަންސް
  • 700 ރުފިޔާއަށް 5 އެމްބީޕީއެސް ސްޕީޑުގައި 210 ޖީބީ ޑޭޓާ އެލަވަންސް

މި ބަދަލުތަކާއެކު އުރީދޫ ސުޕަނެޓްގެ ހިދުމަތަކީ މާކެޓްގައި ހެޔޮ އަގެއްގައި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ލިބޭ ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތައްކަމަށް އުރީދޫން ބުނެ އެވެ.

އަލަށް ނެރުނު ޕްލޭންތަކުގެ އިތުރުން ސުޕަނެޓްގެ ކުރީގެ ޕްލޭންތަކަށް ވެސް އުރީދޫން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުން ސަތޭކަ ޕަސެންޓާ ހަމައަށް ސުޕަނެޓްގެ ހުރިހާ ޕްލޭންތަކެއްގެ ޑޭޓާ އެލަވަންސް ވަނީ އިތުރުކޮށްފަ އެވެ. މީގެ ސަބަބުން ޖީބީއެއް ވިއްކާ އަގު ތިރިވެ، ކަސްޓަމަރުންނަށް މި ޕްލޭންތައް މެދުވެރިކޮށް އިތުރު ޑޭޓާ ބޭނުންކުރެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

ސުޕަނެޓްގެ ހުރިހާ ޕްލޭންތަކަށާއި އެޑްއޮންތަކަށް ޑޭޓާ ރޯލްއޯވާގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން އިތުރަށް ބުނީ މިހާރުގެ ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ސުޕަނެޓްގެ ޚިދުމަތް ލިބޭއިރު، ޚިދުމަތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެ ކަވަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.