އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓް ހޮވައިފި އެެވެ. މި ގޮތުން ހޮވުނު ފަސް ޕްރޮޖެކްޓަކީ:

  1. ހދ. ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކުރުން - ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
  2. ށ. ޅައިމަގުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން - ޅައިމަގު އެކުވެރިންގެ ރޫހު
  3. ލ. ގަމުގެ އަތިރިމަތީގައި ސޯލާ ލައިޓްހަރުކޮށް ކޮމިއުނިޓީ ޕާކެއް ހެދުން - –އިބްރާހިމް ނިޔާޒް
  4. ގދ. ފިޔޯރީގައި އައުޓްޑޯ ކޮމިއުނިޓީ ލައިބްރަރީއެއް ހެދުން – ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަމެންޓް
  5. އައްޑޫސިޓީ މަރަދޫގައި ކޮމިއުނިޓީ ޕާކެއް ހެދުން - އިބްރާހިމް އާތިފް

ބީއެމްއެލްގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ގިނަ ޕްރޮޕޯސަލްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބިފައިވާ ކަމަށެވެ. މި ފިޔަވަހީގައި ހޮވި ފަސް ޕްރޮޖެކްޓާއެކު މި ފަންޑުގެ ދަށުން މިހާތަނަށް 50 ރަށެއްގައި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ނުހަނު ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި ކޮވިޑް-19 އާއެކު ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަނގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން،" މުހައްމަދު ސައީދު ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000 ރުފިޔާ ދޭން ހަމަޖައްސާފައިވެ އެވެ.