ރާއްޖޭގެ އެންމެ މުއްސަނދި ޓޫރިޒަމް ކުންފުނި، ޔުނިވާސަލް އެންޓަޕްރައިސަސްއިން ރ. އަތޮޅުގައި ހިންގާ ދިގަލި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 68 ޑޮލަރު (1،048.56ރ.) މިދިޔަ މަހު ބަހައިފި އެވެ.

ޓޫރިޒަމްގެ އޮފް ސީޒަނާ ދިމާވެ، ޓޫރިސްޓުން އައުން މަދުވުމުން ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު އެވްރެޖްކޮށް ކޮންމެ ރިސޯޓަކުން ބެހި އަދަދު ވެސް ވަނީ މަދުވެފަ އެވެ.

ނަމަވެސް ދުނިޔޭގެ އެންމެ ވަރުގަދަ ހޮޓެލް ބްރޭންޑް، އެމެރިކާގެ ރިޒް ކާލްޓަން އިން މާލެ ކައިރީގައި މިދިޔަ މަހު އަލަށް ހުޅުވި ރިސޯޓުން ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 550 ޑޮލަރު (8،481) ޑޮލަރު ބަހާފައިވެ އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ބަހާފައި ވަނީ މާލެ ކައިރީގައި ހިލްޓަން އިން ހިންގާ ވޯލްޑޮފް އެސްޓޯރިއާ އިންނެވެ. އެ ރިސޯޓުން 763.73 ޑޮލަރު ކޮންމެ މީހަކަށް ބަހާފައިވެ އެވެ. އަދި އެންމެ މަދު އަދަދެއް ބަހާފައި ވަނީ ދިގަލި ރިސޯޓުންނެވެ.

ރިސޯޓް ވޯކާސް ގްރޫޕުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖޭގެ އެއްވެސް ރިސޯޓަކުން ސާވިސާ ޗާޖުގެ ގޮތުގައި 1،000 ޑޮލަރަށް ވުރެ މަތިން ބަހާފައެއް ނެތެވެ. ނަމަވެސް ނ. އަތޮޅުގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑާއި ޝެވަލް ބްލަންކް ރަންދެލި ރިސޯޓުން އާއްމުކޮށް ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު ކޮންމެ މަހަކު ވެސް އެތައް ގުނައެއް ބޮޑުވެ އެވެ.

ސާވިސް ޗާޖު ނަގައި އެ ބެހުމަކީ މިހާރު ގާނޫނީ ގޮތުން ލާޒިމް ވެސް ކަމަކެވެ. ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ 10 ޕަސެންޓެވެ. ރާއްޖޭގައި 140 އެއްހާ ރިސޯޓު ހިންގަމުންދާއިރު ސާވިސް ޗާޖުގެ މައުލޫމާތަކީ ސަރުކާރުން ރަސްމީކޮށް އާއްމު ކުރާ ހިސާބުތަކެއް ނޫނެވެ.