އޮފިޝަލް ރިޒާމް ނުވަތަ ގްރޮސް އިންޓަނޭޝަނަލް ރިޒާވުގައި މި އަހަރުގެ މެއި މަސް ނިމުނުއިރު 926.1 މިލިއަން ޑޮލަރު (14 ބިލިއަން ރުފިޔާ) އަށް އިތުރު ވެއްޖެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.

އެމްއެމްއޭއިން ނެރުނު "އިކޮނޮމިކް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން އެޕްރީލް މަސް ނިމުނުއިރު ރިޒާވްގައި 878.0 މިލިއަން ޑޮލަރު ހުރި ނަމަވެސް މެއި މަސް ނިމުނުއިރު މި އަދަދު ވަނީ 926.1 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރާ އެޕްރީލް މަހާ އަޅާބަލާނަމަ ގާތްގަނޑަކަށް 11 ޕަސެންޓުގެ އިތުރު ވުމެއްކަމަށް އެ ރިޕޯޓުގައި ބުނެ އެވެ،

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ޖުމްލަ ރިޒާވް މި އަދަދަށް މަތިވި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ޖުމްލަ ރިޒާވް ދިހަ އަހަރުތެރޭ އެންމެ މަތިވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 984.93 މިލިއަން ޑޮލަރަށެވެ. މިމަތިވުން އައިސްފައިވަނީ އިންޑިއާއިން ނެގި 400 މިލިއަން ޑޮލަރުގެ ކަރްންސީ ސްވޮޕްގެ ސަބަބުންނެވެ.

އޭގެ ފަހުން ޖުމްލަ ރިޒާވް އެވްރެޖު ގޮތެއްގައި ހުންނަނީ 800 މިލިއަން ޑޮލަރަށްވުރެ ދަށުގަ އެވެ. އެމްއެމްއޭ އިން ބުނީ މިދިޔަ އަހަރުގެ މައި މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 837 މިލިއަން ޑޮލަރު ކަމަށެވެ.

ޖުމްލަ ރިޒާވްމަތިވި ނަމަވެސް ރާއްޖެއަށް ބޭނުން ކުރެވޭ ގޮތަށް އޮންނަނި "ޔޫޒަބަލް ރިޒާވް" އެވެ. މި ރިޒާވްގައި ކޮވިޑުގެ ކުރިން އެވްރެޖުކޮށް ހުންނަނީ 200 މިލިއަން ޑޮލަރު ނުވަތަ ދެ މަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ އެވެ.