އއ. މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

އެ ރަށުގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާގައި ކުރަމުން އަންނަ މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމެޕެނީ (އެމްޑަބްލިޔުއެސްސީ) އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައި މިހާރު އަންނަނީ މި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި ފެނުގެ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ މަތިވެރިއަށް ގެންގޮސްފައި ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން މަތިވެރީގައި 6.86 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ގާއިމްކުރުމާއި އާރއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށް ދެ އާރއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނޭ ކަމަށެވެ. އަދި ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވޭނެ ކަމަށާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީއިން މަތުވެރީގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 450 ދުވަހު ތެރޭގައި ނިންމާ ގޮތަށެވެ. މިމަޝްރޫޢުގެ އަގަކީ ޖުމްލަ 38.82 މިލިއަން ދިވެހި ރުފިޔާ އެވެ.