މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދެމުންގެންދިޔަ ބަހުގެ ހިދުމަތް ރަސްމީކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކޮށްފި އެވެ.

ގްރޭޓަރ މާލެ ބަސް ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އެވެ.

މިއެއްބަސްވުމާކީ 50 އަހަރު ދުވަހަށް ބަހުގެ ހިދުމަތް ދިނުމަށްޓަކައި އެމްޕީއެލްއާ ދެމެދު ވެމުނު އެއްބަސް ވުމެއް ކަމަށް އެމްޓީސީސީއިން ބުންޏެވެ.

އެއްބަސްވުމުގައި މިއަދު ސޮއިކުރި ނަމަވެސް ދެ މަސްދުވަހުގެ މުއްދަތަކަށް އެމްޓީސީސީއާ ގުޅިގެން ބަހުގެ ހިދުމަތް ދޭނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

މި ބަދަލު ގެނެވުނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި މިނިސްޓްރީ އޮފް ފިނޭންސާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި އެމްޓީސީސީން މަޝްވަރާތައް ބޭއްވުމަށްފަހުގަ އެވެ. މި ބަދަލާއެކު މި މަސައްކަތަށް ބޭނުންކުރަމުން ގެންދިޔަ އުޅަނދުފަހަރާ މުއައްޒަފުން ވެސް އެމްޓީސީސީގެ ދަށަށް ބަދަލުވާނެ އެވެ. މިގޮތުން، 35 ބަސް، ފަސް ސްޕީޑް ބޯޓު އަދި ދެ ދޯނި އެމްޓީސީސީގެ ދަށަށް ބަދަލުކުރެވޭނެ އެވެ. އަދި މި ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވި 282 މުވައްޒަފުން ވެސް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ.

މިއަދު މިގެނެވުނު ބަދަލާއެކު، ކަނޑުދަތުރުފަތުރުގެ ޚިދުމަތުގެ ޒޯން 6، (އައްޑޫ، ފުވައްމުލައް) އަދި އެއްގަމު ދަތުރުފަތުރުގެ މާލެ، ހުޅުލެ، ހުޅުމާލެ ބަހުގެ ލިންކް އެމްޓީސީސީން ދެމުން ގެންދާ ޚިދުމަތަކަށް ބަދަލުވެ، މުޅި ރާއްޖެއަށް ދަތުރުފަތުރުގެ ޚިދުމަތް ދެމުންގެންދާ ކުންފުންޏަކަށް އެމްޓީސީސީ ވެގެންދާނެ އެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަޒުމަކީ ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތުގެ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް މަތިކުރަމުން ގެންދިއުން ކަމަށެވެ. އަދި ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.