ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކާލައިލް ގްރޫޕް އިންކޯޕަރޭޓެޑް އަށް ވިއްކާލައިފި އެވެ.

ނިއުޔޯކްގެ ސްޓޮކް އެކްސްޗޭންޖްގެ ނަސްދަގް ވެބްސައިޓްގައި އިއްޔެ ބުނެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ރާއްޖޭގެ ޓީއެމްއޭގެ ދަރަނި ރީސްޓަރަކްޗާ ކުރުމަށްފަހު، އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ކާލައިލްސް ގްރޫޕުން ގަނެފައިވާ ކަމަށެވެ.

އެ ވެބްސައިޓްގައި ބުނެފައި ވަނީ ކޮވިޑް -19 އާ ގުޅިގެން ޓީއެމްއޭ އިން މިދިޔަ އަހަރު އެ ކުންފުނީގެ 56 ބޯޓުގެ ދަތުރު އެއްފަހަރާ ހުއްޓާލުމުން ކުރިމަތިވި ދަރަންޏަށް ލުޔެއް ހޯދުމަށް ކާލައިލްއާއެކު ކްރެޑިޓަރުންނާއެކު މަޝްވަރާކުރި ކަމަށެވެ.

ޓީއެމްއޭގެ މެޖޯރިޓީ ހިއްސާގެ މުއާމަލާތުގެ ތަފުސީލެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ. ނަމަވެސް ނަން ހާމަކުރަން ބޭނުންވާ ފަރާތަކާ ހަވާލާދީ އެ ވެބްސައިޓްގައި ބުނެފައި ވަނީ ޓީއެމްއޭގެ ވެރިފަރާތް ބަދަލުކުރަން ބައިން އިން އެއްބަސްވީ 300 މިލިއަން ޑޮލަރުގެ ލޯނު ހަލާސްކުރާ ގޮތަށް އެއްބަސްވުމުން ކަމަށެވެ.

ކާލައިލްސްއާއެކު ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ގަނެފައި ވަނީ ހެޖް ފަންޑް މެނޭޖަރުން ކަމަށްވާ ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓް އަދި ޑޭވިޑްސަން ކެމްޕްނާ ކެޕިޓަލް މެނޭޖްމަންޓް ހިމެނެ ގޮތަށެވެ. ނަމަވެސް އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުންގެ ގޮތުގައި އަދިވެސް ބައިން ކެޕިޓަލް އާއި ޗައިނާގެ ޓެމްޕަސް ގްރޫޕް ވެސް ހިމެނޭ ކަމަށް އެނގިފައިވާ ކަމަށް ނަސްދަގު ވެބްސައިޓްގައި ބުނެފައިވެ އެވެ.

ކާލައިލްއާ ހަވާލާދީ ބުނެފައި ވަނީ ހިއްސާދާރުން ބަދަލުވި ނަމަވެސް ކުންފުނީގެ މެނޭޖްމަންޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ނަމަވެސް ކުންފުނީގެ ބޯޑު އަލުން އެކުލަވާލިއިރު، ޓީއެމްއޭގެ ފައުންޑަރުންގެ ތެރޭގައި ހިމެނޭ ލާސް އެރިކް ނެލްސަން ބޯޑުގައި ހުންނަވާނެ ކަމަށެވެ.

ބައިން ކެޕިޓަލް އަށް 2017 ވަނަ އަހަރު ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބްލެކް ސްޓޯން ގްރޫޕުން ވިއްކާލީ 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގުގަ އެވެ.

ކާލައިލްގެ މެނޭޖިން ޑިރެކްޓަރު އިއާން ޖެކްސަން ނަސްދަގުއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ޖެހުމުން އަންނަ އަހަރުގެ ތެރޭގައި ރާއްޖެ އާދައިގެ ހާލަތަކަށް އަންނާނެ ކަމަށެވެ.

ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ، ކާލައިލް އެކު ހެދި މުއާމަލާތަކީ ޓީއެމްއޭއަށް އާ ބާބެއްގެ ފެށުން ކަމަށެވެ. ޓީއެމްއޭއިން އަލުން މަސައްކަތް ބާރަށް ކުރިއަށް ގެންދާއިރު އާ އޯނަރުންގެ ފަރާތުން އެއްބާރުލުމާއި އެހީތެރި ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.