ޓެކްސް މައްސަލަތަކުގައި އިސްތިއުނާފީ މުއްދަތު ގުނުމުގައި ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން ގުނުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ޓެކްސް އެޕީލް ޓްރިބިއުނަލުން ނިންމާ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ މުއްދަތެއް ގޮތުން ކުރިން ކަނޑައަޅާފައި އޮތީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 30 ދުވަހެވެ. ނަމަވެސް އޭގެފަހުން ސުޕްރީމް ކޯޓުން ގާނޫނުގެ އެ މާއްދާ ބާތިލްކޮށް އިސްތިއުނާފީ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅި އެވެ. އޭގެ ފަހުން ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 2019 ވަނަ ގެނައި އިސްލާހާއިއެކު ޓެކްސް މައްސަލަތައް އިސްތިއުނާފުކުރުމުގެ މުއްދަތެއްގެ ގޮތުގައި އަލުން 30 ދުވަސް ކަނޑައެޅިއިރު އެޤާނޫނުގައި މުއްދަތު ގުނާނެ ގޮތް ބަޔާންކޮށްފައެއްނުވެ އެވެ.

އޭގެފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މުއްދަތަށް އިތުރު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެބަދަލާއިއެކު ޓެކްސް މައްސަލަތައް އިސްތިއުނާފުކުރުމުގެ މުއްދަތެއްގެ ގޮތުގައިރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 60 ދުވަހުގެ މުއްދަތު ކަނޑައަޅައި މިހާރު އަމަލުކުރަމުން ދަނީ އެމުއްދަތަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމެއް މީރާއިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައި ވަނީ އިސްތިއުނާފް މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ކަނޑައަޅާފައި ނެތް ނަމަވެސް ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވާއިދު އޮންނަ ގޮތުން އެ ގާނޫނުގައި ބުނާ މުއްދަތުތައް ގުނަން ޖެހޭނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށެވެ. އެހެން ކަމުން އެމައްސަލަ ވަނީ ހައި ކޯޓުން ބޭރު ކޮށްލާފަ އެވެ.

އިސްތިއުނާފުކޮށްފައިވާ މައްސަލައަކީ، ޓެކސް އެޕީލިން ޓްރިބިއުނަލުން މިދިޔަ އަހަރު އޮކްޓޯބަރު މަހު 19 ވަނަ ދުވަހުގައި ނިންމާފައިވާ މައްސަލައެކެވެ. އޭރު ޓެކްސް މައްސަލަތައް އިސްތިއުނާފުކުރުމަށް އޮތް މުއްދަތަކީ 30 ދުވަހެވެ.

އެ މައްސަލަ އިސްތިއުނާފުކުރުމަށްޓަކައި މީރާއިން ހުށަހަޅާފައިވަނީ އެ އަހަރު ޑިސެމްބަރު މަހު އަށް ވަނަ ދުވަހުއެވެ. އެހެންކަމުން ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން މުއްދަތު ގުނާއިރު، މައްސަލަ ނިންމިތާ 30 ދުވަސް އޮތީ އޭރު ވެސް ހަމަވެފައެވެ. އެހެންކަމުން ހައިކޯޓުން ނިންމީ މިއީ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ.