މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މައި ބަނދަރު ޕޯޓަލް "މައި ބަނދަރު" ޕޭމަންޓް ގޭޓްވޭ ފަސޭހަ ހިދުމަތްތަކާއެކު އަޕްގްރޭޑްކޮށްފި އެވެ.

އެމްޕީއެލްއިން މިއަދު ބުނީ މިއީ އެކުންފުނީގެ ހިދުމަތް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް، އެ ކުންފުނީގެ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް ގެނައި ބަދަލެއް ކަމަށެވެ.

މި ބަދަލާއެކު މައި ބަނދަރު ޕޯޓަލްއިން ވެސް ލިންކު ބޭނުންކޮށް ޕޯޓަލްއިން ބޭރުން ވެސް ފައިސާ ދެއްކުމުގެ އިންތިޒާމާއި އަދި، މޯބައިލް ޕޭ ޕޭގެ ހިދުމަތް ލިބޭނެ ގޮތް ވެސް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްޕީއެލްއިން ބުންޏެވެ. އަދި މި ބަދަލާއެކު ހުރިހާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއި އަދި ޝިޕިން އޭޖެންޓުންނަށް ވެސް ފަސޭހަކޮށް އެމްޕީއެލްއަށް ދައްކަންޖެހޭ ފައިސާގެ މުއާމަލާތްތައް އޮންލައިންކޮށް ދެއްކޭނެ ގޮތް މިވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އެމްޕީއެލްގެ ހިދުމަތަށް އައި ބަދަލުތަކުގެ ތެރޭގައި:

  • ހުރިހާ ކަސްޓަމަރުންނަށް އޮންލައިންކޮށް ޕޯޓަލްއަށް ރަޖިސްޓްރީ ވެވޭނެ އެވެ.
  • މުދަލުގެ ވެރިފަރާތުން އެ ފަރާތެއްގެ މުދަލާ ގުޅޭ ހުރިހާ ތަފްސީލެއް ބަލައިލުމުގެ އިތުރަށް މުދަލަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނެ އެވެ.
  • ޝިޕިންގެ އެޖެންޓުންނަށް އޮންލައިންކޮށް އީޓީއޭ (އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް) އަދި ބީއެލް (ބިލް އޮފް ލޭޑިންގ) ހުށަހެޅޭނެ އެވެ.
  • ހުރިހާ ކަސްޓަމަރުންނަށް ފައިސާ ދެއްކި ހުރިހާ ރަސީދުތަކުގެ ތަފްސީލުތައް ކޮންމެ ވަގުތަކުވެސް ޕޯޓަލްއިން ފަސޭހައިން ބަލާލެވޭނެ އެވެ.

މީގެ އިތުރުން އެމްޕީއެލްއިން ބުނީ ކޮވިޑްގެ މިހާލަތުގައި ހުރިހާ ކަސްޓަމަރުން ވެސް، އެމްޕީއެލްއަށް އައުމުގެ ބަދަލުގައި ޕޯޓަލްގައި ރަޖިސްޓްރީވެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެދޭ ކަމަށެވެ. އަދި އެކުންފުނީގެ މަގްސަދަކީ، މިހާރު ދެމުންދާ ހުރިހާ ހިދުމަތެއް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމައެކަނި އޮންލައިންކޮށް ދިނުން ކަމަށްވެސް އެމްޕީއެލްއިން ބުންޏެވެ.