ދަނޑުވެރިންގެ ދުވަހާ ގުޅިގެން މައުލޫމާތު ދިނުމުގެ އޮންލައިން ސެޝަންތަކެއް ބާއްވަން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ފަށައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު 15 ވަނަ ދުވަހަކީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމައިފަ އެވެ.

މިއަހަރުގެ ދަނޑުވެރިންގެ ދުވަހު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފަރުދީ ދަނޑުވެރިކަން - ކާނާގެ ޔަޤީންކަން" އެވެ.

އެ މިނިސްޓްރީން ބުނީ ދަނޑުވެރިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ މައުލޫމާތު ދިނުމުގެ އޮންލައިން ސެޝަންތައް މިމަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 10:30 ގައި ވަނީ ފަށައިފަ އެވެ. މި ސެޝަންތައް މިމަހުގެ 13 ގެ ނިޔަލަށް ކުރިޔަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ. މިޕްރޮގްރާމަކީ އާންމުކޮށް އެންމެންނަށްވެސް ބަލާލެވޭނެހެން މިނިސްޓްރީގެ ފޭސްބުކް ޕޭޖްއިން ލައިވް ކުރަމުން ގެންދާނެ ސެޝަންތަކެކެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ އެ ސެޝަންތައް ކުރިއަށްދާ ވަގުތު ފޭސްބުކް ޗެޓް މެދުވެރިކޮށް ސުވާލު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އަދި ސެޝަންގެ ވަގުތު އޮތް މިންވަރަކުން ވީހާ ވެސް ގިނަ ސުވާލުތަކަކަށް ޖަވާބުދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ސެޝަން ނިމުމުން ސެޝަންގެ ރެކޯޑިން ފަހުން ބަލާލެވޭ ގޮތަށް ފޭސްބުކް ޕޭޖުގައި ފެންނަން ހުންނާނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފަ އެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ އެ ސެޝަންތަކުގައި ދަނޑުވެރިންނަށް އާންމުކޮށް ބޭނުންވާނެ މައުލޫމާތުތައް ހިމެނޭނެ ހެން ކޮންމެ ދުވަހަކު ޚާއްސަ މައުޟޫއަކަށް މައުލޫމާތު ދޭނެ ކަމަށެވެ.