ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ސާމާނު 8 ރަށަކަށް އެމްޑަބްލިއުއެސްސީއިން ގެންގޮސްފި އެވެ.

އެ ކުންފުނިން ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ގެންގޮސްފައިވާ ރަށްތަކަކީ ހދ. ކުމުންދޫ އާއި ހދ. ހިރިމަރަދޫ އާއި ހއ. ތަކަންދޫ އާއި އއ. ފެރިދޫ އާއި އއ. ހިމަންދޫ އަދި ނ. މާފަރަށެވެ.

ޕްލޭނިން މިނިސްޓްރީން މިރަށްތަކުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މިއީ 18 މަސް ދުވަހުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ހަވާލުކޮށްފައިވާ ރަށްތަކެކެވެ. މިހާރު މިރަށްތަކުގެ ތެރެއިން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެ.

އެގޮތުން ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސްފައިވާއިރު ފެނުގެ ނެޓްވޯކް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ފެން ޕްލާޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން މަސައްކަތް އެ 8 ރަށުގަައި ވެސް ކުރަމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ކޮންޓްރެކްޓާ ފައިނޭސް އުސޫލުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ 20 ރަށަށް ބޭނުންވާ ސާމާނު އެރަށްތަކަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަނެއް ބައި ރަށްތަކުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއަހަރު ތެރޭގައި މުޅި ޖުމްލަ 31 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއިން ކުރަމުން ގެންދެ އެވެ.