ކޮވިޑް ކޭސްތައް އިތުރުވެ، މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން އައިސް ވިއްކުމާއި މަސް ގަތުން މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ބުނީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަލެކްޓަ ބޯޓުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި، އެއާއެކު އެ މުވައްޒަފުން އެކަހެރި ކުރަން ޖެހުމުން މަސް ގަނެ އައިސް ދޫކުރުމަށް ދަތިވެފައިވާ ކަމަށް އެތަނުން ބުންޏެވެ.

ކޫއްޑޫން ބުނީ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމުން މަސް ކިރުވުމުގެ މަސައްކަތް ކޫއްޑޫ ބޭރު ބަނދަރުން މަހާ ކަލަމިންޖާ ބޯޓު އަދި ހުވަދޫ އަތޮޅުގައި ހަރަކާތްތެރިވާ ކަލެކްޓަ ބޯޓު ފަހަރުތަކުން ކުރަމުން އަންނަ ކަމަށެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ 90 މުވައްޒަފެއް މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. މީގެ ތެރެއިން 25 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިހާރު އެކްޓިވެ ކޭސްތަކުގެ އަދަދަކީ 65 އެވެ.

https://www.facebook.com/kooddoofisheriescomplex/posts/3825800187548035

ކޫއްޑޫއަކީ ދެކުނުގެ މަސްވެރިން މަސް ކިރުވުމަށާއި އައިސް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ މަސް ކާރުޚާނާ އެވެ. މިދިޔަ އޭޕްރީލް މަހުގެ ތެރޭ މިފްކޯގެ ފެލިވަރު މަސް ކާރުޙާނާއިން ވެސް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެތަން ވެސް މޮނިޓަރިންއަށް ލާފައިވެ އެވެ. އެގޮތުން ފެލިވަރުން އެކަނި 300 އަށް ވުރެ ގިނަ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވި އެވެ. ނަމަވެސް އެތަނުގެ އޮޕަރޭޝަން އޭރު ހުއްޓުމަކަށް ނާދެ އެވެ.