ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް އަމާޒުކޮށް ބީއެމްއެލްއިން ހޯމް އިންޕްރޫމަންޓް ލޯނު އަދި ފައިނޭންސިން ތައާރަފްކޮށްފި އެވެ.

ބީއެމްއެލްއިން މިއަދު ބުނީ ހިޔާ ސޯޝަލް ހައުސިން ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފަސޭހަކަމާއެކު ފައިނޭންސިން ފޯރުކޮށްދިނުމަށް އާ ލޯނަކާއި ފައިނޭންސިން ޕްރޮޑަކްޓެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އެގޮތުން އަލަށް ތައާރަފުރި ހޯމް އިމްޕްރޫމަންޓް ލޯނުގެ ދަށުން އާ ފްލެޓްތަކުގެ ފިނިޝިން އަދި ފަރުނީޗަރު ބޭނުންތަކަށް ކަސްޓަމަރުންނަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ރަހުނަކާ ނުލައި ދޫކުރާ އެހެން ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި 12 ޕަސެންޓްގައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ވެސް އެބޭންކުން ބުންޏެވެ.

ބީއެމްއެލްއިން އަލަށް ތައާރަފުކުރި ލޯނުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ އަލަށް ތައާރަފުކުރި ލޯނުގެ ސަބަބުން ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ފިނިޝިން މަސައްކަތް ނިންމުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި މިބަލިމަޑު ކަމުގެ ތެރެއިން މިކަން ފަސޭހަކަމާއެކު ފްލެޓުގެ ނުނިމި ހުރި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ ޝަރުޢީ ހަމަތަކަށް ފެތޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓް ލިބުން ފަރާތްތަކަށް ތައާރަފް ކުރެވުނު ލޯނުގެ އިތުރުން ބޭންކުން ވަނީ ހޯމް އިމްޕްރޫމަންޓް ލޯން ޕްލަސްގެ ނަމުގައި އިތުރު ލޯނެއްވެސް ތައާރަފްކޮށްފަ އެވެ. މިއީ އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަނުގެ ފިނިޝިން މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ދޫކުރާ ލޯނެކެވެ.

ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހޭނެ އެވެ. މިލޯނު ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލާ ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއްކަމަށްވާ 12 ޕަސެންޓްގަ އެވެ.

ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ވެސް މިއާ އެއްގޮތް ފައިނޭންސިން ޕްރޮޑަކްޓެއް ވަނީ ތައާރަފްކޮށްފަ އެވެ.