މިދިޔަ އޮގަސްޓް މަހު ގްރީން ފަންޑަށް ލިބުނު މިންވަރު 5.2 މިލިއަން ރުފިޔާއަށް ދަށްވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވީ ޖުލައި 15ގަ އެވެ. އެ މަހު ލިބުނީ 5.5 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 3.9 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން ރެއަކަށް 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ރެއަކަށް ތިން ޑޮލަރެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި 5.2 މިލިއަން ރުފިޔާގެ ތެރެއިން 4.3 މިލިއަން ރުފިޔާއަކީ ރިސޯޓްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ގެސްޓް ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 619،475ރ އެވެ. އޭގެ އިތުރުން ސަފާރީތަކުން 141، 487 ރ. އަދި ހޮޓާތަކުން 161،000ރ. ލިބިފައިވެ އެވެ.

އޮގަސްޓް މަހު އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާލެ ނުހިމެނޭ ގޮތަށް ކ. އަތޮޅުންނެވެ. ކ. އަތޮޅުން ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެން ހުރި ގިނަ އަތޮޅުތަކުން ލިބިފައިވަނީ ތިން ލައްކައަށް ވުރެ މަދު އާމްދަނީއެކެވެ. އަދި ނުވަ އަތޮޅަކު ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވެ އެވެ.