މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 10.7 ބިލިއަން ރުފިޔާ އަށް ދަށްވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތަށް 10.7 ބިލިއަން ރުފިޔާ ލިބުނުއިރު ހަރަދުގެ ގޮތުގައި 19.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ރިކަރަންޓް ހަރަދު ވަނީ 13. 4 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 14.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައިވާ ގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 29.9 ބިލިއަން ރުފިޔާ އެވެ. އަދި ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 8.2 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 13 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން ލިބުނީ 1.9 ބިލިއަން ރުފިޔާ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހިލޭ އެހީގެ ގޮތުގައި 592.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.