ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަލުން ބިން ވިއްކަން ފަށައި، އަކަފޫޓެއް 4،800ރ. ރޭޓުން ވިއްކަން ހުޅުވާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ނިންމައިފި އެވެ.

ހުޅުމާލޭގައި އަލަށް ހިއްކި ދެވަނަ ފިޔަވަހިން އެންމެ ފަހުން ގޯތި ވިއްކާފައި ވަނީ 2017 ވަނަ އަހަރު އެވެ. އޭރު ވެސް ބިންތައް ވިއްކީ ބީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅި މީހުންނަށެވެ.

އެޗްޑީސީން އެ ފަހަރު ހުޅުވާލީ ދެވަނަ ފިޔަވަހީގެ 92 ބިމެކެވެ. އެ ބިންތަކަށް 102 ފަރާތަކުން ބިޑް އޭރު ހުށަހެޅި އެވެ. އޭގެ ތެރެއިން 30 މީހަކު އެއްފަހަރާ ފައިސާ ދައްކަން ހުށަހެޅި އެވެ. ގިނައީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންނެވެ.

އެ ފަހަރު ބީލަން ފެށޭ އަގެއްގެ ގޮތުގައި ކަނޑައެޅީ އަކަފޫޓަކަށް 3000ރ. ގެ ރޭޓުންނެވެ.

ދެވަނަ ފިޔަވަހިން އެ ފަހަރު ވިއްކީ 101،954.33 އަކަފޫޓުގެ ބިމެވެ. އެތަނުން ބިން ވިއްކާފައި ވަނީ އަތިރިމައްޗަށް ވާ ގޮތަށާއި އަތިރިމައްޗާ ކައިރިންނެވެ. އެގޮތުން ކޮންމެ މީހަކަށް ވެސް ގިނަވެގެން އަގު ހުށަހަޅަން ފުރުސަތު ދިނީ އެއް ބިމެވެ. އަދި ގަންނަން ހުށަހެޅޭނީ 2،000 އަކަފޫޓާއި 6،000 އަކަފޫޓާ ދެމެދުގެ ބިމެވެ.

އެޗްޑީސީގެ ބޯޑު މެމްބަރަކު "ހުރިހާ"އާ ވާހަކަދައްކަވަމުން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަލުން ބިން ވިއްކަން މިދިޔަ ހޯމަ ދުވަހު އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިފަހަރު ވިއްކަން ހުޅުވާލާނީ 1،500 އާއި 2،000 އަކަފޫޓުގެ ބިންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ބޯޑު މެމްބަރު ވިދާޅުވީ މިފަހަރު ބިން ވިއްކަން ހަމަޖައްސާފައި ވަނީ އަކަފޫޓެއް 4،800ރ. ރޭޓުން ކަމަށެވެ. މިފަހަރު ވެސް އަތިރި މައްޗާއި އަތިރިމައްޗާ ކައިރިން 60 ވަރަކަށް ބިން ވިއްކާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިފަހަރު ބިން ވިއްކަން ފަށާ އަގު ކަނޑައަޅާފައި ވަނީ ކުރީ ފަހަރު ކުރިމަތިލި އަގުތަކަށް ބަލާފައި އޭގެ މެދު މިންވަރަކަށް. ކުރީ ފަހަރު ވެސް އަކަފޫޓަކަށް ހަހާސް ރުފިޔާ ވެސް ހުށަހަޅާފައި ހުރި،" އެ ބޯޑު މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލެއިން ބިން ވިއްކަން ނިންމީ ގިނަ ބަޔަކު ބިން ގަތުމަށް އެދި އެ ކުންފުންޏަށް އެކި ފަހަރުމަތިން ހުށަހަޅާފައިވާތީ ކަމަށެވެ. އެގޮތުން 1،000 އަށް ވުރެ ގިނަ ފަރާތުން ބިން ގަންނަން ލިޔުމުން އެދިފައިވާ ކަމަށް ވެސް ބޯޑު މެމްބަރު ވިދާޅުވި އެވެ.

"ބައެއް މީހުން އެބަހުރި ހުށަހަޅާފައި ނުވަދިހަ ދުވަހުގެ ތެރޭގައި އެއް ފަހަރާ ފައިސާ ދައްކާ ގޮތަށް. އެހެންވީމަ ބިން ވިއްކަން އަލުން ހުޅުވާނުލަންވީ ސަބަބެއް ނެތެއް ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

އެ ބޯޑު މެމްބަރު ވިދާޅުވީ ހުޅުމާލެއިން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެޗްޑީސީން ވަރަށް އަވަހަށް އާއްމުކޮށް ހުޅުވާލާނެ ކަމަށެވެ.

ހުޅުމާލެ އިން ބިން ވިއްކަން އެޗްޑީސީން ނިންމިއިރު، އެ ކުންފުނީގެ މާލީ ހާލަތު ދަށްވުމުން ފައިސާ ހޯދަން އެކި ގޮތްގޮތުން މަސައްކަތްކުރަމުން އަންނަކަން އެނގިފައިވެ އެވެ.