ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތަކަށް މީރާއިން ބަދަލު ގެނެސްފި އެވެ.

މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށް ލާޒިމުކޮށްފައިވާ ޓެކްސްތައް ފިޔަވައި، އެނޫން ޓެކްސްތަކުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތަކާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑިތަކުގެ ތެރެއިން މިދިޔަ މޭމަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް އައިސްފައިވާ ނުވަތަ އަންނަ ސުންގަޑިތަކުގެ ފަސްކޮށްފައިވާ ސުންގަޑިއަކީ މިމަހުގެ އެގާރަ ވަނަ ދުވަސް ކަމަށެވެ.

މީރާއަށް ހުށަހަޅާ އެންމެހައި ޓެކްސް ބަޔާނާއި ދައްކާ އެންމެހައި ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް މީރާއިން ބުންޏެވެ. އަދި، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމުގެ މުހިއްމުކަން ފާހަގަކޮށް، އެންމެހައި ފަރާތްތަކުން ވެސް އޮންލައިންކޮށް ހިދުމަތް ހޯދުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސުންގަޑިއަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ނުވަތަ މީރާއިން އިތުރު އެއްވެސް މައުލޫމާތެއް ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން، ރަސްމީގަޑީގައި މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވުމަށް ނުވަތަ ވައިބަރ ނަންބަރު 9821415 އަށް މެސެޖްކުރެއްވުމަށް މީރާއިން އެދެ އެވެ.