ބޯޑަރު ހުޅުވާލިފަހުން 22،000 އަށްވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 15 ން ފެށިގެން މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 22،007 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 223 ތަނެއް ހުޅުވާފައިވެ އެވެ. މީގެ ތެރޭގައި ރިސޯޓު، ސަފާރީ ހިމެނެ އެވެ. އެއީ 24،000 އަށްވުރެ ގިނަ އެނދެވެ.

ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް 15 ޖުލައި ހުޅުވާލިފަހުން އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އިންނެވެ. އެ ގައުމުން މިހާތަނަށް 3،598 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޔޫއޭއީންނެވެ. އެ ގައުމުން 2،967 ޓޫރިސްޓުން އައިސްފައިވެ އެވެ. ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 2032 މީހުން އައިސްފައިވެ އެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީން ފެށިގެން މާޗް މަހު ބޯޑަރު ބަންދުކުރުމާ ހަމަޔަށް 382،760 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ދުވާލަކު އެވްރެޖްކޮށް 4،206 ޓޫރިސްޓުންނެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީން ފެށިގެން ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ 404،854 ޓޫރިސްޓުންނެވެ.

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައި ވަނީ ގަތަރު އެއާވޭސް އިންނެވެ. އެ އެއާލައިނުން 4،566 ޓޫރިސްޓުން ދަތުރުކުރި އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އުފުލީ އެމިރޭޓްސް އިންނެވެ. އެއާލައިނުން 4،058 މީހުން އުފުލާފަިވެ އެވެ. ތިންވަނަ އަށް އެންމެ ގިނައިން މީހުން ދަތުރުކުރީ ރަޝިއާގެ އެއިރޯފްލޮޓުންނެވެ. އެ އެއާލައިނުން 1،820 މީހުން ދަތުރުކޮށްފައިވެ އެވެ.