ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތި ކުރުމަށްފަހު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މުސާރަ ފިނޭންސް މިނިސްޓްރީން ބޮޑު ކޮށްފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތި ކުރުމާއި މެނޭޖިން ޑިރެކްޓަރުންނާއި ޗެއާމަން އަދި ބޯޑު މެންބަރުގެ އިނާޔަތްތައް ފިނޭންސް މިނިސްޓްރީން މުރާޖާ ކުރުމަށް ފަހު ކުންފުނިތަކަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ ސަރުކާރު ކުންފުނިތަކުގެ އެންމެ ދަށް ގިންތީގެ ކުންފުންޏެއްގެ އެމްޑީގެ މިހާރުގެ މުސާރަ އަށް އެވްރެޖުކޮށް 10،000 ރުފިޔާ އާއި 15،000 ރުފިޔާގެ ކުރިއެރުމެން އަންނާނެ ކަމަށެވެ.

އެމްޑީ / ޑީއެމްޑީގެ އަސާސީ މުސާރަ (ޔޫޓިލިޓީ / ޔޫޓިލިޓީ ނޫން ކުންފުނިތައް)

  • އޭ ކެޓަރީގެ ކުންފުނިތައް: އެމްޑީ، 52,260 ރުފިޔާ / ޑީއެމްޑީ، 41,808 ރުފިޔާ
  • ބީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 42,880 ރުފިޔާ / ޑީއެމްޑީ، 34,304 ރުފިޔާ
  • ސީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 34,304 ރުފިޔާ / ޑީއެމްޑީ، 27,443 ރުފިޔާ
  • ޑީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 33,000 ރުފިޔާ / ޑީއެމްޑީ، 26,000 ރުފިޔާ
  • އީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 27,443 ރުފިޔާ / ޑީއެމްޑީ، 21,955 ރުފިޔާ

ފިނޭންސް މިނިސްޓްރީން އަލަށް އެކުލަވާލި އުސޫލުގައި އިތުރަށް ބުނެފައި ވަނީ ބޯޑު މެމްބަރުންގެ އިނާޔާތްތައް ވެސް ދެން ދޭނީ އެއް އުސޫލެއްގެ ދަށުން ކަމަށެވެ. އަދި ކުންފުނިތަކުގެ ޕާފޯމަންސް އެއް އުސޫލަކުން ބެލުމުގެ ބަދަލުގައި، ކުންފުނިތައް ކެޓަގަރައިޒްކޮށް ޕާފޯމަންސް ބެލޭނެ ވަކި އުސޫލެއް ނުވަތަ މިންގަނޑެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް އެ މިނިސްޓްރިން ވަނީ ބުނެފަ އެވެ.

އެގޮތުން ކުންފުނިތަކުގެ ތެރެއިން "އޭ" އާއި "ބީ" އަދި "ސީ" އަދި "ޑީ" ގިންތީގެ ކުންފުނިތަކުގެ އެންމެ އިސްވެރިންނަށް އެންމެ ބޮޑުކޮށް އަދި އެންމެ ކުޑަކޮށް އަސާސީ މުސާރަ ދެވޭނެ މިންވަރު ވެސް ކަނޑައަޅާފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން މީގެ އިތުރުން "ފައިނޭންޝަލް ޕަފޯމަންސް އެލަވަންސް" އެއް ދެވޭނެ ގޮތް ވެސް ވަނީ ކަނޑައަޅާފަ އެވެ. އަދި "ހާޑްޝިޕް އެލަވަންސް" އާއި "އިޖުތިމާއީ ރައްކާތެރިކަމުގެ ހާއްސަ އެލަވަންސް" ނަމުގައި ވެސް އެމްޑީ އަދި ޑީއެމްޑީއަށް ދިނުމަށް ކަނޑައަޅާފަ އެވެ.

ސަރުކާރު ކުންފުނިތައް ގިންތިކޮށްފައިވާ "އޭ" އާއި "ބީ" އަދި "ސީ" ކެޓަގަރީގެ ކުންފުނިތައް ރިވިއު ކުރުމަށްފަހު ފައިނޭންޝަލް ރޭޓިން އިން ލިބޭ މާކްސް އަށް ބަލައި 5,333ރ. އިން ފެށިގެން 30,000ރ. އާ ދެމެދުގެ އެލަންސެއް ދެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި "ޑީ" އާއި "އީ" ކެޓަގަރީގެ ކުންފުނިތަކުގެ އެންމެ އިސްވެރިންނަށް 8,000ރ. އާއި 30,000ރ. ގެ އެލަވަންސެއް ދެވޭނެ އެވެ.

ފިނޭންސުން އެކުލަވާލި މި އުސޫލަށް ބަލާއިރު އެންމެ މަތީ ގިންތީގައި ހިމެނޭ ކުންފުންޏެއްގެ އެމްޑީއެއްގެ މުސާރަ 113،000ރ. އަށްވުރެ ބޮޑު ވާނެ އެވެ. އަދި އެންމެ ދަށް ކެޓަގަރީގައި ހިމެނޭ ކުންފުނީގެ އެމްޑީއަކަށް ވެސް ވެސް ޕާފޯމަންސަށް ބަލައި 80،000ރ. ގެއަށް ގެންދިއުމުގެ ފުރުސަތު ފަހިވާނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުންފުނިތައް ތަފާތު ކެޓަގަރީތަކަކަށް ކޮންމެ ކެޓަގަރީއެއްގައި ހިމެނޭ ކުންފުނި ގިންތިކުރުމުގައި ކުންފުނީގެ "ޓޯޓަލް އެސެޓާއި" "ޕާފޯމަންސް" އަދި މުވައްޒަފުންގެ އަދަދަށް ބަލައި އެމްޑީންގެ މުސާރަ ކަނޑައެޅޭނެ އުސޫލެއް އޮތުމަކީ މެނޭޖިން ޑިރެކްޓަރުން ކުރާ މަސައްކަތާއި އުފުލާ ޒިންމާ އާއި ކުންފުންޏަށް ހޯދައިދޭ ކާމިޔާބީ އަށް ބިނާ ކޮށް މުސާރައާއި އިނާޔަތް ދިނުމަށް މަގު ފަހިވާނެ ކަމެއް ކަމަށެވެ.