ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ "ފޮތް ގާޑިޔާ" އިތުރަށް ފުރިހަމަ ކުރަން ހަޓެއް ހަދައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮޖެކްޓްގެ އަމާޒަކީ ހުޅުމާލޭގައި މިހާރު ގާއިމްކޮށްފައިވާ ފޮތް ގާޑިޔާއަށް މޫސުމާއެކު ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން، ވިއްސާރައިގެ ސަބަބުން ފޮތްތަކަށް ގެއްލުންވިޔަ ނުދިނުމަށާއި ގިނަ ފަރާތްތަކަކަށް ބޭނުންކުރެވޭނެ ގޮތަށް އެ ތަން ތަރައްގީކުރުން ކަމަށެވެ. މިގޮތުން، ދިވެހި ހަރުގެއެއް ހެން ފަރުމާކޮށް ހިޔާވާނެގޮތް ހަދައި އެ ފޮތް ގާޑިޔާގައި ހުންނަ ފޮތްތައް ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމު ގާއިމްކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ތަރައްގީކުރި ހަރުގެ އިތުރު ހަރަކާތްތަކަށް ވެސް ބޭނުން ކުރެވޭނެ ކަމަށާއި އެ ބަދަލާއެކު ފޮތް ކިއުމަށް ކުދިބޮޑު އެންމެ އެއްވާ ތަނެއްގެ ގޮތުގައި ހަރުގެ ބޭނުން ކުރެވޭނެ ކަމަށް ބުންޏެވެ. އަދި ބުކް ކްލަބް އިންތިޒާމުކުރުމާއި، އާޓް އެންޑް ކްރާފްޓް ސްޓޭޝަން އެއް ގޮތަށް ބޭނުންކުރުމާއި، ތައުލީމީ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންކުރުގެ އިތުރުން ސްކޫލުތަކުގެ ކުދިން ސްކޫލު ގަޑީގައި ޒިޔާރަތްކޮށް ފޮތް ކިއުމަށް ބޭނުންކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރީ ޗިލްޑްރަން އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

މި ޕްރޮޖެކްޓް ހިންގުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ވަނީ ހަރުގެ އެޅުމަށް އެހީތެރިކަން ފޯރިކޮށްދިނުމުގެ އިތުރުން ބޭނުންވާނެ ބައެއް ސާމާނު ހޯދުމަށް އެހީތެރިކަން ފޯރިކޮށްދީފަ އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.