ހުޅުލޭގައި ހުންނަ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގައި ވަޒީފައި އަދާކުރަމުން އައި ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި އެވެ.

އެޗްއައިއެޗްގެ މުވައްޒަފުންނަށް ދީފައިވާ ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުމާއެކު ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ ހުޅުލޭ އައިލެންޑް ހޮޓަލްގައި ވަޒީފާ އަދާކުރަމުން ދިޔަ ގިނަ ޢަދަދެއްގެ ދިވެހި މުވައްޒަފުން އެއްއަހަރު ވަންދެން ނޯޕޭ ލީވްގައި ބޭތިއްބުމަށް ފަހު ވަޒީފާއިން ވަކިކުރަމުންދާ ކަމަށެވެ.

މިގޮތުން ދިވެހިންނާއި ބިދޭސީން ހިމެނޭހެން ގާތްގަނޑަކަށް 30 މީހުން ވަކިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެޗްއައިއެޗްއިން ވަޒީފާއިން ވަކި ކުރި މުވައްޒަފުން މިހާރު ވަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށާއި ލޭބަ ރިލޭޝަން އޮތޯރިޓީއަށް ހުށަހަޅާފަ އެވެ.

ހުޅުލޭ އައިލެންޑް ހޮޓެލަކީ ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ ހަމައެކަނި ޓްރާންސިޓް ހޮޓަލެވެ. ހުޅުލޭގައި ހިންގާ ފަސް ތަރީގެ އެ ހޮޓަލުގައި ގެސްޓުންނަށް ޚިދުމަތް ދޭން 136 ކޮޓަރި ހުރެ އެވެ.

ސިންގަޕޯ އެއާޕޯޓް ޓާމިނަލް ސާވިސަސް (ސަޓްސް) އާއި ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލް ގުޅިގެން އުފައްދާފައިވާ ކުންފުނީގައި އެމްއޭސީއެލްގެ 60 ޕަސެންޓް ހިއްސާ އޮވެ އެވެ.