މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖެއަށް ލައްކައެއްހާ ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުރާސްފަތި ދުވަހު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 15 ން ފެށިގެން މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 22،007 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 223 ތަނެއް ހުޅުވާފައިވެ އެވެ. މީގެ ތެރޭގައި ރިސޯޓު، ސަފާރީ ހިމެނެ އެވެ. އެއީ 24،000 އަށްވުރެ ގިނަ އެނދެވެ.

ޕާޓާ އަދި ބީބީސީ ގުޅިގެން ބޭއްވި، ޑެސްޓިނޭޝަން އިންސައިޓް ސީރީޒް- މޯލްޑިވްސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގިނަ ހުރަސްތަކާއެކު ވެސް މި ދަނޑިވަޅުގައި ވެސް ރާއްޖޭގެ ޓޫރިޒަމް ކުރިއަރަމުން އަންނަ ކަމަށެވެ. އެގޮތުން ދުވަހަކަށްވުރެ ދުވަހެއް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ ހަފްތާ އިން ފެށިގެން 1،000 އަށް އިތުރުވެފައިވާ ކަމަށެވެ.

"އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖެއަށް 100،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ. އަދި މިހާރު ބޯޑަރުތައް ހުރަސްކުރުމުގައި ހުރި ދަތިތަކާއި އެކު ޗުއްޓީއަށް ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ މުއްދަތު ދެ ހަފްތާއަށް މިހާރުވަނީ އިތުރުވެފައި،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ރާއްޖެއާ ބެހޭ ގޮތުން ބޭއްވި ޓޫރިޒަމް ކޮންފަރެންސް

މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ކުރިން އެވްރެޖްކޮށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރަނީ ހަފްތާއެއް ނަމަވެސް މިހާރު ދެ ހަފުތާއަށް އިތުރުވެފައިވާ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް އޮޕަރޭޓުކުރާ އެއާލައިންތަކުގެ އަދަދުތައް ވެސް އިތުރުވެ، މިހާރު ބޭރުގެ 10 އެއާލައިނަކުން ޝެޑިއުލް ދަތުރުތައްކުރާ ކަމަށެވެ. ނަމަވެސް އިރުމަތީ ގައުމުތަކުން ރާއްޖެއަށް އޮޕަރޭޓުކުރާ އެއާލައިންތައް އަދި މަދުކަން ޑރ. މައުސޫމް ފާހަގަކުރެއްވި އެވެ.

"ރާއްޖެއަށް މިހާރު އޮޕަރޭޓުކުރާ ބައެއް އެއާލައިންތަކަށް ވަރަށް ޑިމާންޑު ބޮޑު. ރަޝިއާއިން މިހާރު ހަފްތާއަކު ދެ ދަތުރު އަންނަނީ ބާއްވަމުން. އެ ދަތުރުތަކުގެ ޑިމާންޑު ބޮޑުވެގެން ފްރިކުއެންސީތައް އިތުރުކުރަމަށް ވާހަކަދެކެވެމުންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޕާޓާ އަދި ބީބީސީ ގުޅިގެން ބޭއްވި، ޑެސްޓިނޭޝަން އިންސައިޓު ސީރީޒް- މޯލްޑިވްސްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކުން ބައިވެރިވެފައިވެ އެވެ. އެގޮތުން އެމްއޭސީއެލް އާއި މާޓާޓޯ އަދި ހޮޓެލް ޖެންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ، ރާއްޖެއިން ކޮވިޑް-19ގެ ހާލަތާއެކު ޓޫރިޒަމް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލްތައް ހިއްސާކޮށްފައިވެ އެވެ.