ކޮވިޑް-19އާ ގުޅިގެން މާލޭ ދެވަނަ ފަހަރަށް ލޮކްޑައުން ކުރުމާ ގުޅިގެން ފެން ބިލްތަކުން 15 މިލިއަން ރުފިޔާގެ ޑިސްކައުންޓް މިދިޔަ މަހު ދިން ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫހަކަށް ދިން އިންޓަވިއެއްގައި ޝާހު ވިދާޅުވީ، ރީޑިން ނުނެގި ހުރީ 60 ވަރަކަށް ގެއިން ކަމަށާއި އެގެތަކުގެ ބިލަށް އަރާނެ ކަމަށް ލަފާކުރެވޭ އަދަދު ވެސް ޖުމްލަ ޑިސްކައުންޓުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

ސަރުކާރުގެ ނިންމުމާ އެއްގޮތަށް ފެން ކުންފުނިން ވަނީ މިދިޔަ މަހު ގޭބިސީތަކުގެ ބިލްތަކުން 30 ޕަސެންޓުގެ ޑިސްކައުންޓް ދީފަ އެވެ. އަދި ވިޔަފާރިތަކުގެ ފެން ބިލުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ވަނީ ދީފަ އެވެ.

މިދިޔަ އަހަރު ވެސް ސަރުކާރުން ވަނީ ލޮކްޑައުނާ ގުޅިގެން ފެން ބިލާއި ކަރަންޓް ބިލްތަކުން ޑިސްކައުންޓް ދީފަ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އެމްޑަބްލިއުއެސްސީ މެދުވެރިކޮށް މިހާތަނަށް، 25.2 މިލިއަން ރުފިޔާގެ ޑިސްކައުންޓް ވަނީ ދީފަ އެވެ.