އެއާޕޯޓް ކައުންސިލް އިންޓަނޭޝަނަލް އިން ދޭ "އެއާޕޯޓް ހެލްތު އެކްރިޑަރޭޝަން" ސެޓްފިކެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބިއްޖެ އެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ މިންގަނޑު ހުރީ ރަނގަޅަށްކަން ކަނޑައަޅައިދޭ މިންކުރުމެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އޭޝިއާ ޕެސިފިކް ރީޖަންގައި މިމިންކުރުން ލިބުނު ދެވަނަ އެއާޕޯޓެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އޭސީއޭ އިން ދޭ އެއާޕޯޓް ހެލްތު އެކްރިޑަރޭޝަން ސެޓްފިކެޓު ވީއައިއޭ އަށް ލިބުމަކީ ކާމިޔާބެއް ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ އެ ސެޓްފިކެޓް ދިންއިރު ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު ރާއްޖޭގައި އެންމެ ފުރަތަމަ އަޅަން ފަށާފައި ވަނީ ވެސް ވީއައިއޭގައި ކަމަށެވެ. އަދި އެއާޕޯޓްގެ ރައްކާތެރިކަން މިންކުރުމުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އެއާޕޯޓް ޑިސްއިންފެކްޓްކޮށް ސާފުކޮށް ބޭއްވުމަށް ކުރާ މަސައްކަތްތަކާއި، އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ބެލި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ އެ ސެޓްފިކެޓް ދިންއިރު އެއާޕޯޓުގައި ޚިދުމަތް ދިނުމުގައި އެއާޕޯޓުގެ މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އެއާޕޯޓުން ޚިދުމަތް ހޯދާ މީހުންނަށް ޚިދުމަތް ދިނުމުގައި އަމަލުކުރާ ގޮތްކަށް ވެސް ބަލާފައިވާ ކަމަށެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުން މި އެކްރިޑަރޭޝަން ލިބުނު ދެ އެއާޕޯޓުގެ ތެރޭގައި ވީއައިއޭ ހިމެނިފައިވާއިރު، މި އެކްރިޑަރޭޝަން ސެޓްފިކެޓް އެވޯޑުކޮށް އޭސީއައި ވޯލްޑުގެ ޑިރެކްޓާ ޖެނެރަލް ލުއިސް ފެލިޕް ޑީ އޮލިވޭރިއާ ވަނީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގޯޑަން ސްޓެވާޓް އަށް އިއްޔެ ސިޓީ އެއް ފޮނުއްވައިފަ އެވެ.

ޑިރެކްޓާ ޖެނެރަލް ވަނީ އޭސީއޭގެ އެކްރިޑަރޭޝަން ސެޓްފިކެޓު ހާސިލްކޮށް އެމްއޭސީއެލް އިން ހޯދި ކާމިޔާބީ އަށް މަރުހަބާ ވިދާޅުވެފަ އެވެ.