މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު 1.19 ބިލިއަން ރުފިޔާ ދައްކައިފި އެވެ.

މި އަދަދަކީ މިދިޔަ ދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 326.2 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 3.2 ޕަސެންޓް އިތުރު އަދަދެކެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނިގޮތުގައި، ޖޫން 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖޫން 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހު މާލެ ފުރަބަންދުކޮށް، ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާ އަދި އެހެން ދާއިރާތަކަށް ލިބުނު ހީނަރުކަމުގެ ސަބަބުން އެ މަހު ލިބުނު އާމްދަނީ ދަށްވުމުންނެވެ. މިގޮތުން، މިދިޔަ އަހަރުގެ ޖޫންގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ ޖޫން މަހު އިންކަމް ޓެކްސް، ޖީއެސްޓީ، ގްރީން ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، އެއާޕޯޓް ސާވިސް ޗާޖް، އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުންޏެވެ.

މީގެ އިތުރުން، ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން، ވަކި މުއްދަތަކަށް ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ނިންމައިފައިވާތީ، ޖޫން މަހުގެ ތެރޭގައި އައިސްފައިވާ ބައެއް ސުންގަޑިތައް ފަސްކުރެވެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މިދިޔަ މަހު މީރާއަށް ދެއްކި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީން އެވެ. އެއީ 44.6 ޕަސެންޓް ނުވަތަ 529.38 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 31.1 ޕަސެންޓް ނުވަތަ 369.53 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 94.80 މިލިއަން ރުފިޔާ (8.0ޕަސެންޓް)، ގްރީން ޓެކްސްގެ ގޮތުގައި 59.90 މިލިއަން ރުފިޔާ (5.0ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 30.34 މިލިއަން ރުފިޔާ (2.6ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 102.64 މިލިއަން ރުފިޔާ (8.6ޕަސެންޓް) ހިމެނެ އެވެ.

މިދިޔަ މަހު ދެއްކި އާމްދަނީގެ ތެރޭގައި 54.98 މިލިއަން ޑޮލަރު ހިމެނެ އެވެ.