ކުރީގެ ފައިސާ ނޫޓުތައް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނީ މިމަހުގެ ނިޔަލަށް ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭއިން ބުނީ 2016 ވަނަ އަހަރުން ފެށިގެން އުވާލެވިފައިވާ ނޫޓުތައް ބަދަލު ކުރުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ލިބިގެންދާނެ ކަމަށެވެ. ސަރުކާރުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ކުރީގެ ނޫޓު ބަދަލުކުރުމަށް އެމްއެމްއޭއަށް ދިޔުމުން ވަގުތު ބަދަލުކޮށްދޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ ރަންދިހަ ފަހެއް ސީރީޒް ނިކުތްއިރު ބާޒާރުގައި ދައުރުވަމުންދިޔަ 2.9 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 95 ޕަސެންޓް ނޫޓުތައް އެމްއެމްއޭއަށް ލިބިފައިވާ ކަމަށެވެ. އަދި ބަދަލުނުކޮށް ހުރީ ކުރީގެ ގާތްގަނޑަކަށް ފަސް ޕަސެންޓް ނޫޓުތައް ކަމަށެވެ.

އެމްއެމްއޭއިން މިހާރު ބަދަލު ދެމުން އަންނަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 1އިން ފެށިގެން ލީގަލްޓެންޑާ ނޫން ކަމަށް ކަނޑައަޅުއްވާފައިވާ 2 ރުފިޔާއާއި 10 ރުފިޔާއާއި 20 ރުފިޔާއާއި 20 ރުފިޔާއާއި 50 ރުފިޔާއާއި 100 ރުފިޔާއާއި 500 ރުފިޔާގެ ނޫޓުތަކަށާއި ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން 1 ޖަނަވަރީ 2018 އިން ފެށިގެން ލީގަލްޓެންޑާ ނޫން ކަމުގައި ކަނޑައަޅުއްވާފައިވާ 5 ރުފިޔާގެ ކަރުދާސް ނޫޓުތަކަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.