ދިރާގާއި ސެމްސަންގެ ގުޅިގެން 60 ގެލެކްސީ ޓެބްލެޓް ހެލްތު މިނިސްޓްރީ އާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާ ހަދިޔާކޮށްފި އެވެ.

ޓެބްތައް ހެލްތު މިނިސްޓްރީއާ ހަވާލުކުރުމަށް އޮންލައިންކޮށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދުގެ އިތުރުން ސެމްސަންގް ލަންކާގެ މެނޭޖިން ޑިރެކްޓަރު ކެވިން ބައިވެރިވެވަޑައިގަތެވެ.

ދިރާގުން ބުނީ މިއީ ކޮވިޑް-19އާ ގުޅިގެން ކުރިއަށްގެންދާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީވުމުގެ ގޮތުން އެ ކުންފުނިން ސަރުކާރަށް ހަދިޔާކުރި ޓެބްލެޓްތަކެއް ކަމަށެވެ. އަދި ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރުމުގައި ވެސް ޓެބްލެޓްތައް އެހީއަކަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ވިދާޅުވީ މި އެހީގެ ސަބަބުން ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ހެލްތު މިނިސްޓަރަށާއި ސިއްހީ ދާއިރާގެ ހުރިހާ އޮތޯރޮޓީތަކާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ އެންމެންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑު އުއްމީދުކުރަނީ މި އެހީގެ ސަބަބުން ޕެންޑެމިކް މެނޭޖުކުރުމަށް ޑިޖިޓަލައިޒް ކުރުމުގައި ސަރުކާރުން ކުރާ މަސައްކަތުގައި އެހީއަކަށް ވާނެ ކަމަށް،"
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު

ރާއްޖޭން ކޮވިޑް-19 ފެނުނު ފަހުން ދިރާގުން ވަނީ އެކި ގޮތްގޮތުން ސަރުކާރަށާއި އަމިއްލަ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ އެހީތައް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.