ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި ބީއެމްއެލްގެ ހިދުމަތް ލިބޭނީ ދެ ދުވަހު ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމްއެމްއޭއިން އަންގާފައިވާ ގޮތުގެ މަތިން އެބޭންކުގެ ހިދުމަތް ލިބޭނީ މިމަހުގެ 21 ވަނަ ދުވަހާއި 27 ވަނަ ދުވަހު އެކަނި ކަމަށެވެ.

މިދުވަސްތަކުގައި ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 ން ފެށިގެން މެންދުރުފަހު 2:00 އަށެވެ.

ހިދުމަތްތަކަށް ކަނޑައެޅިފައިވާ ސުންގަޑިތައް:

  • ހެނދުނު 11.00ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކްތައް އެ ދުވަހު ޕްރޮސެސް ކުރެވޭނެ. ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން
  • އެހެނިހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރުން: ހެނދުނު 12.00 ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކްތައް އެދުވަހު ޕްރޮސެސް ކުރެވޭނެ.
  • ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން.
  • ލޯކަލް ބޭންކް ޓްރާންސްފާ.
  • ޕޭ ރޯލް (މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން) ޚިދުމަތް

ބީއެމްއެލްއިން ބުނީ އެދުވަސްތަކުގައި ބޭންކު ހުޅުވާ ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވަނީ ދެން ބޭންކު ހުޅުވޭ ދުވަހު ކަމަށެވެ.

އޮންލައިން ޓޯކަން

ބޭންކުގެ ހިދުމަތްތައް ހޯއްދެއްވުމަށް ކަސްޓަމަރުންނަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެ އެވެ. އަދި ކިއުބީ އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެ ކުރިން އޮންލައިންކޮށް ބަލާލެވޭނެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެ އެވެ.

އެޕޮއިންޓްމަންޓް މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތައް

އެކައުންޓް އޯޕަނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަ މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ކަސްޓަމަރުންނަށް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/book-appointment މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް އެދި ހުށަހެޅޭނެ އެވެ.

އެހެނިހެން ހިދުމަތްތައް

ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް ކަސްޓަަރުންނަށް ބަންދު ދުވަސްތަކުގައި ވެސް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ޚިދުމަތް ލިބޭނެ އެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް ބަންދު ދުވަސްތަކުގައި ވެސް ކަސްޓަމަރުންނަށް ބޭންކިން ހިދުމަތް ލިބޭނެ އެވެ.

ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެނީ މި ދަނޑިވަޅުގައި ގޭގައި ތިބެގެން ބީއެމްއެލް އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިން ހިދުމަތްތައް ހޯދުމަމެވެ.