އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލާއެކު މިއަދު ފެށިގެން އެ ކުންފުނިން ވިއްކާ ފެޓްރޯލާއި ޑީސަލް ވިއްކާ އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. މިބަދަލާއެކު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 10.95 ރުފިޔާ އަށެވެ. އެންމެ ފަހުން ވިއްކީ 10.27 ރުފިޔާ އަށެވެ.

އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.72 ރުފިޔާ އަށެވެ. އެންމެ ފަހުން ޕެޓްރޯލް ލީޓަރެއް ވިއްކީ 9.74 ރުފިޔާ އަށެވެ.

މިއީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ. އެންމެފަހުން އެ ކުންފުނިން ތެލުގެ އަގު ބޮޑުކޮށްފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދޭ ތެލުގެ ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ގެންދިއުމަށްޓަކައި އަގަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.