ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިއަދު އޮތީ މިދިޔަ އަހަރުގެ މި ހިސާބުގައި އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށާއި މި އަޑިގަނޑުން އަރައިގަންނާނެ ކަމަށް އެ ބޭންކުގެ ސީއީއޯ މިއަދު ވިދާޅުވެއްޖެ އެވެ.

އޮންލައިންކޮށް މިއަދު ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ސީއީއޯ ޓިމް ސޯޔާ ވަނީ ކޮވިޑްގެ ބަލިމަޑުމަކުގައި ގައުމަށް އެހީވުމަށް ބޭންކުން އަދާކުރި މުހިންމު ދައުރު ފާހަގަ ކުރައްވައިފަ އެވެ. އަދި މި ހައްސާސްދަތި އުދަނގޫ ދަނޑިވަޅުގައި ވެސް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގައި ބީއެމްއެލް ދެމިއޮންނާނެ ކަމަށް ތަކުރާރު ކުރައްވައި ވިދާޅުވެފައިވެ އެވެ.

"ދިވެހިރާއްޖެ ވެގެން ދިޔައީ މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ގައުމަށް. ކޮވިޑްގެ ސަބަބުން ދިމާވެދާނެ އިގްތިސާދީީ ހީނަރުކަން ކުރިން ދެނެގަނެވި ގައުމަށް އެހީވުމަށާއި އިގްތިސާދު ހީނަރުވެނުދިނުމަށް އަޅުގަނޑުމެން ވާނީ ސްޓްރެޓަޖީއެއް އެކުލަވާލާފައި. މި ދަނޑިވަޅުގައި ވެސް މެދުކެނޑުމެއްނެތި ބޭންކިން ހިދުމަތް ކުރިޔަށް ގެންގޮސް ކޮޮވިޑްގެ ސަބަބުން މާލީ ގޮތުން އަސަރުކޮށްފައިވާ ކަސްޓަަމަރުންނަށް އެހީވުމަށް ޝޯޓް ޓާމް ފައިނޭނަސިން އެއް ދޫކުރެވި އަދި ބޭންކުން ނަގާފައިވާ ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ސަރުކާރުގެ ލޯނު ސްކީމްތައް މެނޭޖްކުރުމުގައި އެހީތެރިވެދެވުނު،" އޭނާ ވިދާޅުވި އެވެ.

ޓިމް ވިދާޅުވީ ކޮވިޑާ ގުޅިގެން މާލީ ގެއްލުން ލިބުނު ފަރާތަކަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ކޮވިޑް-19 ރިކަވަރީ ލޯނާއި ދާދި ފަހުން ފެށި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ދޫކުރުމަށް އެހީތެރިވި ކަމަށެވެ.

"ކޮވިޑް ސްޓްރެޓަޖީގެ މުހިންމު ބަޔަކަށްވީ ލިކުއިޑިޓީ ޕްރެޝާ ކުޑަކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ފަންޑިން ރާއްޖޭން ބޭރުން ހޯދުން. އަޅުގަނޑުމެންގެ މި ސްޓްރެޓަޖީ ކާމިޔާބުކަމަށް ސާބިތުވި. މިގޮތުން އެކިއެކި މާލީ އިދާރާތަކާ ގުޅިގެން ފަންޑިންގެ ގޮތުގައި ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހޯދިފައިވާކަން ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ. "ހަމައެހެންމެ މި ދަނޑިވަޅުގައި ވެސް ގައުމަށް އިތުރަށް އެހީތެރިވުމުގެ ގޮތުން އެކަށޭނަ އަދަދަކަށް ބޭރު ފައިސާގެ ރިޒާވް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރެވުނު."

މިދިޔަ އަހަރުގެ ނަތީޖާއަށް އަލިއަޅުވާލަމުން ޓިމް ވިދާޅުވީ މިދިޔަ އަހަރު ކާމިޔާބު ކަމާއެކު ފެށިގެން ދިޔަނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީ ވަަރަށް ބޮޑަށް ދަށްވެ ބޭންކަށް އެކަމުގެ ބޮޑު ނޭދެވޭ އަސަރެއް ކުރި ކަމަށެވެ. އަދި އަހަރު ނިމުނުއިރު ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 60 ޕަސެންޓަށް ވުރެ ބޮޑު ދަށްވުމެއް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ނަމަވެސް ބޭންކަށް ކުރިއެރުން ލިބެމުންދިޔަ. މިގޮތުން ބާރަހާސް އައު ކަސްޓަމަރުން ބޭންކާ އަލަށް ގުޅުނު. އަދި އައު ލޯނުގެ ގޮތުގައި މިދިޔަ އަހަރު ތިން ބިލިއަން ރުފިޔާ ދޫކޮށްފައިވޭ،" ޓިމް ވިދާޅުވި އެވެ. "މިއަދު އަޅުގަނޑުމެން މިތިބީ މިދިޔަ އަހަރުގެ މި ހިސާބުގައި އަޅުގަނޑުމެން ތިބި ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި. އަދި މި އަޑިގަނޑުން އަޅުގަނޑުމެން އަރައިގަންނާނަން."

ޓިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ބޭންކަށް އުދަނގޫތަކާ ކުރިމަތިވާނެ ކަމަށެވެ. އަދި އެއާއެކު ވެސް ދެމެހެއްޓެނެވި ކުރިއެރުމަކަށް މިކަންކަމުން އަރައިގަތުމުގެ ހިތްވަރު އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

" މުޅިން އަލަށް ތައާރަފް ކުރެވޭ އައު ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރެވިގެންދާނެ. ނަމަވެސް އެންމެ މުހިންމުކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ ބޭންކުގެ ސްޓްރެޓަޖީ ހިމެނޭ ކަންކަން ނިންމާނެ ރަނގަޅު ޓީމެއް ބޭންކުގައި އޮތްކަން،" ޓިމް ވިދާޅުވި އެވެ.